ads
ރާއްޖެއާ ޕާކިސްތާނު ބައްދަލުކުރި މެޗުގެ ތެރެއިން
ފައިވް ނޭޝަންސް ކަޕް: ތިންވަނަ މެޗުންވެސް ބަލިވެ، ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ
މިހާރު ކުރިއަށްދާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު. ތިންވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ރާއްޖެ ވަނީ ބޫޓާން އަތުންވެސް ބަލިވެފައެވެ. 

ތިންވަނަ މެޗުގައި ރާއްޖެ ބައްދަލުކުރީ ޕާކިސްތާނާއެވެ. މި މެޗު ޕާކިސްތާނުން ކާމިޔާބުކުރީ 63-65 ންނެވެ. މި މެޗުގެ ކުއާޓާތައް ޕާކިސްތާނު ކާމިޔާބުކުރީ 15-22، 34-40، 45-50 އަދި 63-65 ންނެވެ. 

ފަސް ޓީމު ވާދަކުރާ މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ބަލިވުމާއެކު ރާއްޖެއަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ހަނިވެފައެވެ. ރާއްޖެއަށް ސެމީ ފައިނަލުގެ ފުރުސަތު ލިބެން އޮތީ ނޭޕާލް މިއަދު ކުޅޭ މެޗުން ބަންގްލަދޭޝް އަތުން ބަލިވެ، ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން ރާއްޖެ މޮޅުވެގެންނެވެ.

ފަސް ގައުމުން ވާދަކުރާ މި މުބާރާތުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއަށްފަހު ސެމީ ފައިނަލުގައި ވާދަކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ.

ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް