ނާޒިމް އުމުރަށް ޖަލަށްލި މައްސަލައިގައި ބަދަލު ހޯދަން ދައުވާ ކުރެވޭނެ ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ، އެކަމާ ގުޅިގެން ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކުރި ކުރުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައެވެ.
މަޖިލީހުގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.
އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ. އެހެންނަމަވެސް ޔާމީންގެ ވެރިކަން ބަދަލުވުމުން، އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ.
ނާޒިމް މިނިވަންވުމުން އޭނާވަނީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ މެމްބަރުކަމުގެ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާއި ލިބުނު އެހެން ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.
ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް މީހަކު ބަންދު ކުރުމުން އެކަމުގެ ބަދަލު ލިބިދެވޭނެ ކަމަށް ގާނޫނުއަސާސީ އާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައި ވިޔަސް، އިސްތިއުނާފީ ކޯޓަކުން ކުރީގެ ހުކުމެއް ބަދަލު ކުރުމަކީ ބަދަލު ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ. ދެން ނާޒިމް އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް ބާތިލްކޮށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މިއީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށް ވެފައި، ސުޕްރީމް ކޯޓުގެ ނިންމުމަކަށް ވާތީ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ނިންމުމަކީ ދައުވާގެ މައުލޫގެ ބަޔަކަށް ރަޖިސްޓްރާ ގޮތް ނިންމުން ކަމަށެވެ.