
އިއްތިހާދާއެކު ކަންޓޭ ހަދާފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ އަގު 100 މިލިއަން ޔޫރޯޯއަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކަންޓޭ އިއްތިހާދަށް ބަދަލުވާނެކަން މީގެ ކުރިންވެސް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާގެ މެޑިކަލް މައްސަލަތަކެއް ދިމާވެގެން ސޮއިކުރުމުގައި ލަސްތަކެއް ކުރިމަތިވިއެވެ.
ސައުދީގެ ކްލަބުތަކުން އަންނަނީ ދުނިޔޭގެ ނަން ހިނގާ މޮޅެތި ކުޅުންތެރިން އެގައުމުގެ ކްލަބުތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމީހުން އަންނަނީ އެކަމަށް ބޮޑު ހަރަދެއްވެސް ކުރަމުންނެވެ.
ޗެލްސީއާއެކު ކަންޓޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ލެސްޓާ ސިޓީއަށްވެސް ކުޅުނު ކަންޓޭ ޗެލްސީއާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީއަށް 109 މެޗު ކުޅެދީ 11 ލަނޑު ޖަހައިދީފައެވެ.
ކަންޓޭގެ ކާމިޔާބީތައް
- އިނގިރޭސި ޕްރިމިއާ ލީގު (ދެފަހަރު)
- ޔުއެފާ ޗެމްޕިއަންސް ލީގު
- ކްލަބްސް ވޯލްޑް ކަޕް
- ޔުއެފާ ސުޕަ ކަޕް
- ޔޫރޮޕާ ލީގު
- ފީފާ ވޯލްޑް ކަޕް
- އެފްއޭ ކަޕް