ads
އިންޑިޔާ އަދި ޕާކިސްތާނު މެޗަކީ މި ފަހަރުގެ ބޮޑު މެޗު
ސާފް ޗެމްޕިއަންޝިިޕް: އިންޑިޔާ- ޕާކިސްތާނު، މި ފަހަރުގެ ބޮޑު މެޗު
އިންޑިޔާއާ ޕާކިސްތާނުގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ އޮންނަ ވާދަވެރިކަމާ ދެކޮޅުވެރިކަމުގެ ތެރެއަށް ކުޅިވަރުގައި މި ގައުމު ބައްދަލު ކުރާ ހުރިހާ ފަހަރެއްގައިވެސް އަދި ހުރިހާ ކުޅިވަރެއްގައިވެސް އެ ވާދަވެރިކަން ފެނެއެވެ.

ދެ ގައުމުގައިވެސް އެންމެ މަޝްހޫރު އަދި އެއް ނަންބަރު ކުޅިވަރުކަމުގައިވާ ކްރިކެޓްގައި އެއް ގައުމުން އަނެއް ގައުމާ، އަމިއްލަ ބިމުގައި ވާދަނުކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ފަހަރު ކްރިކެޓެއް ނޫނެވެ. މި ފަހަރު އޮތީ ފުޓްބޯޅައިގައިވެސް ދެ ގައުމުގެ ފޯރި ކުޑައެއް ނޫނެވެ.

ޕާކިސްތާނާ އިންޑިޔާގެ މެޗު މިރޭ ކުޅޭއިރު، ޕާކިސްތާނަށް އިންޑިޔާއަށް އާދެވުނީވެސް މިއަދުއެވެ. ވިސާ ކަންތަކުގައި އެތައް ދުވަހަކު "ގަނަ ތެޅުމަށް ފަހު" ޕާކިސްތާނު ޓީމަށް އިންޑިޔާއަށް އާދެވުނީ ރޭ ދަންވަރުއެވެ. މެޗަށް 12 ގަޑިއިރަށްވުރެ ކުޑަތަންވީ ފަހުން ޕާކިސްތާނު ޓީމަށް އިންޑީޔާއަށް އާދެވުނުއިރު، ފުރަތަމަ މެޗުގައި އިންޑީޔާއާ ދެކޮޅަށް ޕާކިސްތާނު ނުކުންނާނީ އެންމެ ޕްރެކްޓިހެއް ނުކުރާތާ ކުޅުންތެރިންނަށް އެކަށީގެންވާ ގޮތަށް އަރާމުކޮށްލެވެންވެސް ނެތިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާއާ ޕާކިސްތާނު ބުދަ ދުވަހުގެ ބެންގަލޫރުގެ ކާންޓަރީވާ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ 2018 ވަނަ އަހަރުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މި ފަހަރު ޕާކިސްތާނާ އިންޑިޔާ އެއް ގްރޫޕެއްގައި ހިމެނުމާއެކު ގިނަ ބައެއްގެ ސަމާލުކަންވަނީ އެކަމަށް ހުއްޓިފައެވެ. ބެންގަލޫރުގައި ޕާކިސްތާނާ އިންޑިޔާ ބުދަ ދުވަހުގެ ރޭ ކުޅޭއިރު، ބެންގަލޫރުގައި 2014 ވަނަ އަހަރު މި ދެ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުން ޕާކިސްތާނުވަނީ މޮޅުވެފައެވެ.

ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ އަބަދުވެސް އާދަޔާ ހިލާފު މެޗެއް ކަމަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީވަނީ ބުނެފައެވެ.

އަހަރުމެންނާ އެ މީހުންނާ ވަރަށް ގާތް، ވަރަށް އެއްގޮތް، އެ މީހުން ޕަންޖާބު ބަހުން ވާހަކަ ދައްކާ، އަހަރުމެންވެސް އެ ބަހުން ވާހަކަ ދައްކަން. ވަރަށް ގާތް، ވަރަށް އެކުވެރި، އެކަމަކު ހަމަ ކަށިގަނޑު ފުމެލުމާއެކު މުޅި އެތި ބަދަލުވޭ. އެ މީހުންނަށްވެސް އެހެންވާނެކަން އެނގޭ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ އަބަދުވެސް ތަފާތު މެޗެއް. ބަލިވުން އެއީ އަދި އަމުދުން ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗެއްގައި އޮންނާނެ ކަމެއްވެސް ނޫން.

ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ޕާކިސްތާނު ޓީމުގައި، އެ ގައުމަށް ނިސްބަތްވާ، ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއްވަނީ ހިމަނާފައެވެ. ޕާކިސްތާނު ޓީމުގައި ހިމެނޭ ޔޫރަޕުގައި ކުޅޭ ކުޅުންތެރިންގެ ތެރޭގައި އިގިރޭސި 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުނު އީސާ ސުލައިމާނާ، ބާންލީގެ ކުރީގެ ކުޅުންތެރިޔާ ރާހިސް ނަބީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ޓީމުގެ ކުރީގެ ކުޅުންތެރިޔާ އޯޓިސް ހާން ހިމެނެއެވެ. މި ތިން ކުޅުންތެރިންވެސް ޕާކިސްތާނަށް ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

ޕާކިސްތާން ސާފަށް އައީ ހަތަރު ގައުމުން ވާދަކުރި މުބާރާތެއްގައި ކުޅެފައެވެ. ސާފަށް ތައްޔާރުވާން މޮރިޝަސްގައި ކުޅުނު މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ޕާކިސްތާނު ބަލިވިއިރު، އިންޑީޔާ މި މުބާރާތަށް ކުރިމަތިލަނީ ހަތަރު ގައުމުން ވާދަކުރި މުބާރާތެއްގެ ތަށްޓާއެކުއެވެ.

އިންޑިޔާއާ ޕާކިސްތާނު ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ހަތެއް ޖަހާއިރުއެވެ. މިމެޗު ކުލޭ ސްޓޭޑިއަމްއަކީ އިންޑިޔާގެ މަޝްހޫރު ބެންގަލޫރު އެފްސީގެ ހޯމް ސްޓޭޑިއަމްއެވެ. 

ބެންގަލޫރުގެ މި ސްޓޭޑިއަމް ހުންނަ ސަރަހައްދަށް ނިސްބަތްވާ އިންޑީޔާގެ ބެންގަލޫރު އެފްސީގެ "ވެސްޓް ބްލޮކް ބްލޫސް" ސަޕޯޓަރުން އަންނަނީ މި މެޗުގައި ވާދަކުރާ އެ ކްލަބުގެ ކެޕްޓަން ސުނިލް ޗެތްރީ އަދި މުޅި އިންޑީޔާ ޓީމަށް ތަރުހީބު ދިނުމަށް ހާއްސަ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް