މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް ފެތުރޭ މިންވަރަށްވުރެ އިތުރުވުމުން ޗުއްޓީ ދުވަސްވަރު ވެސް މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ޗުއްޓީގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުމާއި ގޭގެއަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ ރޯގާތަކަށް ސަމާލުވާންޖެހޭ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް ހުމާއި ރޯގާ ފެތުރޭއިރު މިއީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރު ކަމަށްވާ ޖޫން/ޖުލައި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ބުނީ ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށެވެ. އެހެންވެ މި ދުވަސްވަރު ޗުއްޓީއާ ދިމާވާތީ ކޮންމެ އަހަރަކު ވެސް ޝަކުވާ ބޮޑުވެ އެވެ.
މިދިޔަ އަހަރު އޮގަސްޓު މަހު ފެށި ދިރާސީ އާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.މާލެ އާއި އަތޮޅުތަކުގެ ބައެއް ސްކޫލުތަކުގައި އިއްޔެ ރިޕޯޓް ފޯމް ދީފައި ވާއިރު ގިނަ ސްކޫލްތަކުގައި މިއަދު ވަނީ ރިޕޯޓް ފޯމް ދީފަ އެވެ.