ads
އުމަރު ނަސީރު
ރަނިންމޭޓެއް ކަނޑައަޅަން އަދި ތަންކޮޅެއް އަވަސް: އުމަރު
ރަނިންމޭޓެއް ކަނޑައެޅުން އަދި ތަންކޮޅެއް އަވަސް ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަހަރު ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ނަސީރު މިހާރު ގެންދަވަނީ ތާއީދު ހޯއްދެވުމުގެ ހަރަކާތްތައް ހިންގަވަމުން ނެވެ. އިންތިހާބު ކައިރިވަމުން ދާއިރު އުމަރުވެސް އަދި އަރިހުގައި ވަޑައިގަންނަވާނެ ރަނިންމޭޓެއް ނުދައްކަވަ އެވެ.

ރަނިންމޭޓެއް ކަނޑައެޅުމާއި ގުޅޭގޮތުން ސީއެންއެމުން ސުވާލު ކުރުމުން އުމަރު ނަސީރު ވިދާޅުވީ އަދި ތަންކޮޅެއް އަވަސް ކަމަށެވެ.

"ރަނިންމޭޓެއްގެ ކަންކަން ނިންމުން އަދި ތަންކޮޅެއް އަވަސް" - އުމަރު

އުމަރު ނަސީރު ވަނީ މީގެކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރައްވާފައެވެ. އެފަހަރު އުމަރު ވާދަކުރެއްވީ އޭރު އުފައްދަވައިގެން އުޅުއްވި އިސްލާމިކް ޑިމޮކްރެޓިޓް ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައެވެ. ނަވަމެސް ދެވަނަ ބުރަށް ވަޑައި ނުގެންނެވުނެވެ.

އެއަށް ފަހު ޕާޓީ އުވާލައްވާ އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއާއި ގުޅިވަޑައިގެން އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި އުމަރު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އުމަރާއި ވާދަކުރައްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ފަހުން އުމަރު ނަސީރު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ. އުމަރުގެ މިނިސްޓަރުކަމުގައި މަސްތުވާ ތަކެއްޗާއި ގޭންގް ތަކާއި ދެކޮޅަށް އަދި ނުރައްކާތެރި ކުށްވެރިންނާއި ދެކޮޅަށް ފާޅުކަންބޮޑު ގޮތެއްގައި މަސައްކަތް ކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން ފަސް މީހުންގެ ގުރޫޕަކުން އުމަރު އަވަހާރަކޮށްލުމަށް އޭރު މަސައްކަތް ކުރިކަމަށް ދާދިފަހުން އުމަރުވަނީ ސީއެންއެމްއަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް