އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ މިދިޔަ މަހު ބަލްކް ޕޯޓަށް ބޭނުންވާ 20 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ހިއްކާފައިވާ ބިމުގެ ކީވޯލް ކޮންސްޓްރަކްޝަނާއި ޔާޑް ޕޭވިންއަށް ބޭނުންވާ ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ ފަރާތްތަކުން ކުރިމަތިލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވެފައިވަނީ އެމްޕީއެލުން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އޮގަސްޓު މަހުގެ ތެރޭގައި މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭނެ ކަމަށެވެ.
ރޭވިފައިވާ ގޮތަށް ކުރިއަށްދާ ނަމަ ކުރިއަށް އޮތް 18 މަސް ނުވަތަ 24 މަސް ދުވަހުގެ ތެރޭގައި ބަލްކް ޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ތިލަފުށީގައި ބަލްކް ޕޯޓެއް ތަރައްގީކުރުމަށް އެމްޕީއެލުން ނިންމާފައިވަނީ މާލެ ވިޔަފާރި ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މުދާ ކްލިއަ ކުރުމުގެ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އެކަށީގެންވާ ވަރުގެ ޖާގައެއް މާލެ ވިޔަފާރި ބަނދަރުގައި ނެތް ކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލުން ބުނި ގޮތުގައި ބަލްކް ޕޯޓުގެ ހަތް ހެކްޓަރުގެ ސަރަހައްދެއް ހާއްސަކުރާނީ ބަލްކް ޓާމިނަލުގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އެ ސަރަހައްދުން 1.4 ހެކްޓަރު މުދާ ރައްކާކުރާ ގުދަންތައް ހެދުމަށް ހާއްސަކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޕީއެލުން ބުނީ ބަލްކް ޓާމިނަލް ތަރައްގީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަ ފަހިވެގެންދާނެ ކަމަށެވެ.