
މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަނިލް ޕީއެސްއެމްއަށް މައްކާގައި ހުންނަވައިގެން ދެއްވި އިންޓަވިއުއެއްގައެވެ.
އެ މީހުންގެ ވަނަވަރެއްވެސް އަދި އެމީހުން އައިސީޔޫއަސް ލާން ޖެހުނީ ކީއްވެކަމެއް ވެސް އަނިލް ހާމައެއް ނުކުރައްވައެވެ. ނަމަވެސް އޭނާ ވިދާޅުވީ ޖުމްލަކޮށް ހުރިހާ ދިވެހި ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ.
"އައިސީޔޫގައި ތިބި ދެ މީހުން، އަރަފާތު ބިމަށް ގެންދެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ،" ސްޓޭޓު މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
އޮކްސިޖަން ގުޅައިގެން އެންބިޔުލާންސްގައި، ސައުދީ ސަރުކާރުން ހައްޖުވެރިން އަރަފާތު ބިމަށް ގެންގޮސްދެއެވެ. ނަަމެވެސް ހައްޖުގެ އަޅުކަން ނިމުނުއިރު މި ދެ މީހުންނަށް އަރަފާތު ބިމަށް ދެވުނުކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
މިއަހަރަކީ 2020 ވަނަ އަހަރު ފެށިގެން އެންމެ ގިނަ މީހުން ހައްޖަށް ޖަމާވާ އަހަރެވެ. 2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމަށް ފަހު، 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ މަދު ބަޔަކާއި އެކުގައެވެ.
އަދި އޭގެ ފަހުން 2021، 2022 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ކޯޓާ ދިނީ ކޮންޓްރޯލްކޮށް ކޮވިޑްގެ ކުރިއަށް ވުރެ މަދުންނެވެ.