ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު--
ކޮރޯނާއާ ގުޅިގެން ބާއްވާ ސަރަހައްދީ މަޝްވަރާ މާދަމާ!
ކޮރޯނާ ވައިރަހާ ގުޅިގެން ސާކު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ވީޑިއޯ ކޮންފަރެންސްއެއް ބާއްވައި ސްޓްރެޓަޖީއެއް އެކުލަވާލަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދެއްވި ދައުވަތު، މި ސަރަހައްދުގެ ހުރިހާ ގައުމަކުން ގަބޫލުކޮށް، އެ ކޮންފަރެންސް މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
Advertisement

އިއްޔެ އިންޑިއާގެ ބޮޑު ވަޒީރު ދައުވަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހާ ދެކޮޅަށް ސާކު ގައުމުތަކުގެ ވެރިން ކުރަމުންދާ މަސައްކަތުގައި ސްޓްރެޓެޖީއެއް އެކުލަވާލުމަށް މަޝްވަރާކުރުމަށް ވިސްނަމުން ގެންދަވާ ކަމަށެވެ.

ޓެލެކޮންފަރެންސް، މެދުވެރިކޮށް ކުރިއަށް ގެންދާ މި މަޝްވަރާގެ ދައުވަތު ރާއްޖެއިން ގަބޫލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، މިދަނޑިވަޅުގައި އިންޑިއާއިން އެކަމަށް އިސްނެގީތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ކޮރޯނާ ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި ޓެލެކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރައީސް ސޯލިހު ކަމަށެވެ.

އިންޑިއާއިން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގައި ޕާކިސްތާނުން ވެސް ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. 

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ ވައިރަހަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އެގޮތުން ސާކުގެ ގައުމުތަކުގެ މެމްބަރުން ބައިވެރިވާ މި ކޮންފަރެންސްގައި ޕާކިސްތާނުން ވެސް ބައިވެރިވާނެ ކަމަށެވެ. 

މޯދީ ދެއްވި ދައުވަތު ރާއްޖެއާއި ޕާކިސްތާނު ހިމެނޭހެން ސާކުގެ އަށް މެމްބަރު ގައުމުން ވަނީ ގަބޫލުކޮށްފަ އެވެ. މިހެންކަމުން މާދަމާގެ ކޮންފަރެންސްގައި، ބަންގްލަދޭޝްއާއި ބޫޓާނާއި ނޭޕާލާއި ސްރީލަންކާ އިން ވެސް ބައިވެރިވާނެ އެވެ. 

ސާކުގެ ގައުމުތަކުގެ ހަރަކާތްތައް 2016 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ގުޅިގެންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި، ދެކުނު އޭޝިއާ ސަރަހައްދުގެ ސާކް ސްޕީކާސް ސަމިޓުގައި ވެސް އިންޑިއާ އާއި ޕާކިސްތާނުގެ ވަފުދުގެ މެދުގައި ކަޝްމީރު މައްސަލައިގައި ހޫނު ޒުވާބެއް ކުރިއަށް ދިޔަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް