ads
ހުޅުމާލެ ދެވަނަ ފިޔަވަހި
ހަތަރުކަށިމަތި މާލޭ މީހާއަށްވެސް އުސޫލު ފައްކާނުވޭ!
ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އަބަދުވެސް ސިޔާސީ ވާދަވެރީން ބޭނުންކުރާ އެއް ހަތިޔާރަކީ ބޯހިޔާވަހިކަމެވެ. ގެދޮރުވެރިކުރުވުމެވެ. އަދި މިހަތިޔާރުގެ ބޭނުން ހިފައި އެފަރާތްތަކުގެ ސިޔާސީ އެދުން ހަމަ ރަނގަޅަށްވެސް އެބަފުއްދައެވެ. ނަމަވެސް ކަންވެ ނިމޭއިރު، ރައްޔިތުމީހާއަށް ބޯ ބިވާކޮށްލާނޭ ފޮށާގަނޑެއްވެސް ނުލިބެއެވެ. އެހެން ބުންޏަސް ސިޔާސީ ފަރާތްތަކާ ކޮންމެވެސް ގޮތަކުން ގާތްގުޅުމެއް އުފެދިފައިވާ މަދުބަޔަކަށް މަންފާތަކެއް ނުކުރެއެކޭ ނުބުނާނަމެވެ. ކުރާނެއެވެ. މައްސަލައަކީވެސް އެއީތާއެވެ.
Advertisement

ސިޔާސީ ފަރާތްތަކުން، ތަފާތު ނަންނަމުގައި، ތަފާތު ގޮތްގޮތަށް ބޯހިޔާވަހިކަން ގެނެސްދޭނޭ ކަމަށް ބުނާ ވައުދުތަކަށް ބާލާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް މައިގަނޑު ރިޔާސީ އެއްވައުދަކީ، ބޯހިޔާވަހިކަމުގެ ވައުދެވެ. ރައްޔިތުން ގެދޮރުވެރިކުރުވުމުގެ ވާހަކައެވެ. އިންސާފުވެރިކަމާ، ހަމަހަމަކަމާއެކު އެކަން ކުރާވާހަކައެވެ. އެންމެފަހުން ވައުދު ފުއްދަވައިފިކަމަށްވެސް ވިދާޅުވެއްޖެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފުރަމާލެ ސަރަހައްދުން ގޯތިކަނޑައި ރައްޔިތުން ބިންވެރިކުރާނޭ ބޮޑުބިޔަ ލިސްޓެއް އާންމުކޮށްފިއެވެ. ނަމަވެސް ލިސްޓާއެކު މައްސަލަ ހައްލުވީކީނޫނެވެ. އިތުރު މައްސަލަތައް ކުރިމަތީވީއެވެ. ރައްޔިތުންގެ ރިހޭފައިމައްޗަށް ފޮއިވެއްޓުނީއެވެ.

ކުޑަކުޑަ ވާހަކައެއް ކިޔައިދޭނަމެވެ. ފާތުންދައްތައަކީ، މާލެއަށް އުފަން، މާލޭގެ ރަޖިސްޓްރީގައި ފެށުނީއްސުރެންވެސް އޮތް، ހަތަރުކަށިމަތި މާލޭ މީހެކެވެ. ފުރާފުރިހަމަނުވާ ތިންކުދީންނާއި، ބޮޑެތިވެފައި ތިބި ހަތަރުކުދީންނާއެކު، ހަތްދަރީން ގޮވައިގެން، މައިންބަފައިންގެ ވާރުތައިން ލިބޭ ކުޑަކުޑަ ހިޔާވަހިކަމެއްގެ ތެރޭގައި ވަރަށް ދަތި ހާލުގައި އުޅެނިކޮށް، އެންމެ ފަހުން ދޫކުރި، ހިޔާ ފްލެޓްތަކުން ފާތުންދައްތަގެ ދެމަފިރީންނަށްވެސް ދެކޮޓަރީގެ ފްލެޓެއް ލިބުނެވެ. ހަތް ކުދީންނާއެކު ކުރީން އުޅުނު ދަތި ކޮށިގަނޑުގެ ތެރޭން ނުކުމެ ފާތުން ދައްތައަށް އެއްކަލަ ދެކޮޓަރީގެ އެޕާޓްމަންޓުގައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ހަގީގީ މައްސަލަ އަދިވެސް އޮތީ ނޫންހެއްޔެވެ. ފާތުންދައްތަގެ ދެމަފިރީންނަށް ހައްގުވާ މިންވަރަކީ ހަތް ދަރީން ގޮވައިގެން ދެކޮޓަރީގެ އެޕާޓްމަންޓެއްގައި އުޅުން ހެއްޔެވެ. ދެމަފިރީން ނިދާންވީ އަދިވެސް ހަމަ ބޮޑެތިވެފައި ތިބި ދަރީންތަކާއެ އެކުހެއްޔެވެ. ނޫނެކެވެ. ފާތުންދައްތައަށްވެސް އަދި މި އާއިލާއަށްވެސް ހަގީގީ މައްސަލަ ހަމަ ކުރިއަށް އޮތީއެވެ.

މިހާރު ރައީސް ސޯލިހުގެ ސަރުކާރުން އާންމުކޮށްގެން މިއުޅޭ ބިންވެރިޔާ ލިސްޓުން ފާތުންދައްތައަށް ޖާގައެއް ނުލިބުނެވެ. ނުލިބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އޭނާއަށް ފްލެޓް ލިބުނަތީއެވެ. ނަމަވެސް އިންސާފުން ކުރާކަމެއްގައި ފާތުންދައްތައަށްވެސް ހައްގު މިންވަރު ލިބުމުގައި "މާލޭ މީހާއަށް" ލިބޭ ހުރިހާ ހައްގެއް އޮންނާން ވާނެތާއެވެ. އިންސާފަކަށްވާނީ، މާލޭން ކުޑަ ނަމަވެސް އަދި ބޮޑުނަމަވެސް ބިންކޮޅު ލިބޭ މީހާއަށް، އެތަންކޮޅު ގުރުބާންކޮށްފައި، ބިންވެރިޔާ ސްކީމަށް ވަދެވޭގޮތަށް، ފާތުންދައްތައަށް ވެސް އެ ފުރުސަތު އޮތުން ނޫންހެއްޔެވެ. ފާތުން ދައްތައަށް ފްލެޓް ލިބުނީ، ކުރީން ވާރުތައިން ލިބުނު ބިންކޮޅު ގުރުބާންކުރާން އެއްބަސްވީތީއެވެ. ހަމަ އެގޮތަށް، އެއްކަލަ ދެ ކޮޓަރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ބިންވެރިޔާ ސްކީމަށް ވަނުމަށް ފާތުންދައްތައަށް ހުރަސް އެޅޭ އުސޫލަކީ، އިންސާފުވެރި، ނުވަތަ ހަމަޖެހޭ އުސޫލެކޭ ކިޔޭނެ ހެއްޔެވެ.

މި ކިޔައިދިނީ، ބިންވެރިޔާ ސްކީމުން ފާހަގަވާ ކުޑަކުޑަ އެންމެ މައްސަލައެކެވެ. މިނޫން ބައިވަރު މައްސަލަތައް އަދި ހުރީއެވެ. ވަގުތީ ލިސްޓު އާންމުވުމާއެކު ފެނިގެން ދިޔައީ، މިހާރުވެސް މާލޭގައި ހަމަޖެހިލައިގެން ދިރިއުޅެވޭނޭ ފަދަ، ފުދުންތެރި ފަރާތްތަކަށް ސްކީމްތެރެއަށް ވަދެ ބިންވެރިވާ މަންޒަރެވެ. ކޮންމެހެން ލިބޭން ޖެހޭ ފަރާތްތައް އެކަމުން މަހްރޫމްވާ ވާހަކައެވެ. މުޅި އުމުރު ދުވަހު މާލޭގައި ދިރިއުޅެ، ދަފުތަރޭ ކިޔާ މާލޭގެ ބޮޑު ގޯއްޗެއްގައި ރަޖިސްޓްރީ ވިޔަތީ، ރާއްޖޭގެ އެއްވެސް ތަނަކުން ބިންވެރިކަމަށް ޝަރުތު ފުރިހަމަ ނުވާ އުސޫލެކެވެ. ފާތުން ދައްތަ ފަދައިން މާލޭގައި ހަތަރުކަށިމަތި އޮވެމެ، އުމުރު ދުވަހު، އެޕާޓްމަންޓަށް ފީދައްކާލަދައްކާލަ ތިބެންޖެހޭ އެތައް ބަޔަކު ތިއްބާ، އަނެއްބަޔަކަށް، ބިލިޔަނުން އަގުކިޔާލެވޭވަރުގެ އަގުހުރި ބިންތައް ހިލޭ ބަހައިލެވޭ އުސޫލުތަކެއްގެ ވާހަކައެވެ. ޖަވާބުދާރީވާން ޖެހޭ ފަރާތްތަކުން ފެނިގެން ދިޔައީ ޒިންމާއިން ރެކެން އުޅޭ މަންޒަރެވެ.

ބޯހިޔާވަހިކަމުގެ ވާހަކައަކީ ސަމާސާވާހަކައެއް ނޫނެވެ. މިއީ އިންސާނާ ދިރިހުރުމާއި ދިރިއުޅުމަށް ބޭނުންވާ އެންމެ މައިގަނޑު އަސާސީ އެއް ހައްގުގެ ވާހަކައެވެ. މިކަން ސިޔާސީކޮށް ސިޔާސަކުރުމަކީ ރައްޔިތު މީހާ އެއްވެސް ވަރަކަށް ބަލައިގަންނާނޭ ކަމެއްނޫނެވެ. އެހެންކަމުން ރައްޔިތުންގެ މިފަދަ ހައްސާސީ ކަމެއްގައި ޅައެއްޗެއް އެޅުމަކީ ސިޔާސީ ހަޔާތުގައި ބަޔަކު އަޅާނޭ އެންމެ ޅައެއްޗަށް ވެގެންދިއުން މާކަ ދުރެއް ނޫނެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ނޫނީ، މިފަދަކަންކަމުން އިބުރަތް ހާސިލެއް ނުވާނެއެވެ. ކުރިއަށް އޮތީ އަނެއްކާވެސް ރައްޔިތު މީހާގެ ދުވަސްކަން ހަނދާނުގައި ބަހައްޓާން ޖެހޭނެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް