
އެމްއެމްޕީއާރުސީން ބުނީ މި ސެޝަނަކީ އެ ކޮންފަރެންސްގައި ބޭއްވި ތިން ސެޝަނުގެ ތެރެއިން އެއް ސެޝަން ކަމަށެވެ. އެ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ބައިވެރިންނަށް މަސްވެރިކަމުގެ ދެމެހެއްޓެނިވި އުސޫލުތަކާއި ރާއްޖޭގެ މީރު ކެއުންތަކުގައި ކަނޑުމަހުގެ މުހިންމުކަން ދެނެގަތުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިންނެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ މިފްކޯގެ ހުށަހެޅުމުގައި ކަނޑުމަހުގެ މަސްވެރިކަމުގެ ތާރީހާއި ރާއްޖޭގެ ކެއިންބުއިމުގެ ސަގާފަތާއި އާދަކާދަ ގުޅިފައިވާ މިންވަރު ހާމަކޮށްދީ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރިކަމުގެ ތާރީހަށް ފުންކޮށް ބަލާލުމުގެ ފުރުސަތު ވަރަށް ފުރިހަމައަށް ބައިވެރިންނަށް ލިބިގެންދިޔަ ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމާއި ކެއިންބުއިމުގެ ސަގާފަތް ދައްކާލުމަށް ބޭއްވި ސެޝަން - ފޮޓޯ:އެމްއެމްޕީއާރުސީ
ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައި ވެސް ނަކަލުކުރެވިދާނެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ނަމޫނާއެއްކަން އެ ހުށަހެޅުމުގައި އަންގައިދިން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ސަގާފީ މަސްކެނޑުމުގެ ހުނަރުތައް ބަލާލުމުގެ ފުރުސަތާއި ކާބަފައިންގެ އިރުން ފެށިގެން މަސްކެނޑުމުގައި ދިވެހިން ގެންގުޅޭ އަމިއްލަ ގޮތްތައް ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު ކަމުގައެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ސެޝަނުގެ ތެރެއިން ބައިވެރިންނަށް ރާއްޖޭގެ ތަފާތު ރަހަތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން ތާޒާ ދިވެހި ހެދިކާ އާއި ފަޅޯ ކަނދި އަދި ކަރާ ފަނީގެ ރަހަތައް ބައިވެރިން ތަޖުރިބާކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ބްރޭކްއައުޓް ސެޝަނުގެ ކެއްކުމުގެ ކްލާހުގައި މަސްހުންޏާއި ދިވެހި ސިގްނެޗާ ކެއުންތައް ހިމެނޭހެން ރާއްޖޭގެ އެންމެ މަޝްހޫރު ކެއުންތައް ހަދާނެގޮތް ބައިވެރިންނަށް ދަސްކޮށްދެވުނު ކަމަށެވެ. އަދި ހުނަރުވެރި ޝެފެއްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ކެއުންތައް ތާޒާކޮށް ތައްޔާރުކުރުމުގެ ހާއްސަ އުކުޅުތައް ބައިވެރިން ދަސްކުރި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ތަފާތު ތަޖުރިބާ ނިންމާލުމުގެ ގޮތުން ދިވެހި ކަލިނަރީ ތީމްގެ ގިފްޓް ބާސްކެޓެއް ބައިވެރިންނަށް ހަދިޔާ ކުރެވުނު ކަމަށާއި ސެޝަން ބޭއްވި އެޓޯލް ވިލާ ސޭންޑްބޭންކްގައި އަރާމުކޮށްލާ، މޫދުގައި ފަތާލުމުގެ އިތުރުން ފޮޓޯ ނެގުމަށް ވަގުތުކޮޅެއް ބައިވެރިންނަށް ދެވުނު ކަމުގައެވެ.
ރާއްޖޭގެ މަސްވެރިކަމާއި ކެއިންބުއިމުގެ ސަގާފަތް ދައްކާލުމަށް ބޭއްވި ސެޝަން - ފޮޓޯ:އެމްއެމްޕީއާރުސީ
'ފްރޮމް ދަ ސީ ޓު ދަ ސްކިލެޓް' ވޯކްޝޮޕަކީ ރާއްޖޭގެ ކެއުންތަކާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކާއި ޒަމާންވީ ކަލިނަރީ ސަގާފަތްތައް ދަސްކުރުމަށް ބައިވެރިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.