
އެމްއައިބީން ބުނީ އެ ބްރާންޗް ރީޓެއިލްއަށް ހާއްސަ ކުރެވުމުން އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް އެތަން ބަންދު ކުރާ ގަޑިތައް ލަސްކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ހެނދުނު 08:30 އިން ހަވީރު 16:00 ޖަހަންދެން ރީޓެއިލް ކަސްޓަމަރުންނަށް އެ ބްރާންޗުން ހިދުމަތް ލިބޭއިރު، ކާޑު، އަނގޮއްޓި އަދި ޓެގު ދޫކުރުން ހެނދުން 10:00 އިން އިރުއޮއްސި 18:00 އަށް ގްރައުންޑް ފްލޯއިން ލިބޭނެ އެވެ.
އެ ބޭންކުގެ މީޑިޔާ މެނޭޖަރު އަހްސަން ޖަމީލް ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރުދެއް ބާކީ ނުކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.
އެމްއައިބީން ފާއިތުވި އަހަރު އޭޓީއޭމްގެ ހިދުމަތް އެކި ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި އެ ބޭންކުން މިދިޔަ އަހަރު އިންގިލާބީ އެކި ޕްރޮޑަކްޓުތައް ލޯންޗުކޮށްފައިވެ އެވެ. އޭގެތެރޭގައި ފައިސާ ވެއާ އަނގޮޓި، ޓެގް އަދި ބިންގާގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށް ލޯންޗުކުރި އެކަންޓުތައް ފާހަގަކޮށްލެވެ އެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖްޑް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.