
މި ހޯލަކީ ދެ ފަންގިފިލާ ހިމެނޭ އިމާރާތެއް ކަމަށް އެމްޓީސީސީން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވެއެވެ. ކޮލަމާފުށީގައި 1،850 މީހުންގެ އާބާދީއެއް އޮންނަ ކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވެއެވެ.
މި އިމާރާތުގެ ސަބަބުން ގއ. އަތޮޅު ސްކޫލުގެ މެނޭޖްމަންޓަށާއި ތައުލީމު އުނގެނޭ ދަރިވަރުންނާއި އަދި ކިޔަވައިދެއްވަމުން ގެންދަވާ ޓީޗަރުންނަށް ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީގެ އޮފީހުން ބުނީއެވެ. މި ހޯލަކީ ސްކޫލުގެ އެކި ހަރަކާތްތައް ހިންގުމަށް ބޭނުންކުރެވޭނެ ބޮޑު ޖާގައެއް ކަމަށްވާތީ، ސްކޫލުގެ ތަރައްގީއަށް މުހިންމު އިމާރާތެއް ކަމަށް ބެލެވެއެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.