ads
އެރިޓްރިއާގެ ބަނދަރެއް: އެ ގައުމުގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ބޯޓުތަކުގެ މައްސަލަ މިހާރު އޮތީ ކޯޓުގައި - ފޮޓޯ:ޓެސްފާނިވްސް
އެފްއެސްއެމްގެ ދެ ބޯޓު ހިފެހެއްޓި މައްސަލަ އެރިޓްރިއާގެ ކޯޓަށް
އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓުގެ މައްސަލަ މިހާރު އޮތީ އެ ގައުމުގެ ކޯޓުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވެފައިވަނީ ބޯޓުތައް ހިފެހެއްޓި މައްސަލައިގައި ރާއްޖޭން ފުރަތަމަ ފޮނުވި ޕަވަ އޮފް އެޓާނީ އެރިޓްރިއާގެ އެއްވެސް އިދާރާއަކުން ބަލައިނުގަތުމުން މިހާރު ދެވަނަ ޕަވަ އޮފް އެޓާނީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ގައުމުގެ ކޯޓުން ޕަވަ އޮފް އެޓާނީ ބަލައިގަނެފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ މައްސަލަ ކޯޓުގައި އޮތްއިރު ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުމަށް އެރިޓްރިއާގެ ލޯ ފާމަކާއި މަސައްކަތް ހަވާލުކުރެވި އެ މަސައްކަތް ވަކީލުން ފަށާފައިވާ ކަމަށެވެ. އެ ލޯ ފާމަށް އެޑްވާންސްކޮށް 4،000 ޑޮލަރު ދައްކާފައިވާ ކަމަށާއި މައްސަލަ އެއްކޮށް ބެލުމަށް 8،000 ޑޮލަރު ހޭދަވާކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވި ގޮތުގައި މައްސަލަ ކޯޓުގައި އޮތްނަމަ ވެސް ކޯޓުން ބޭރުގައި ޑިޕްލޮމެޓިކްކޮށް މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީން ކުރަމުން ގެންދާ ކަމުގައެވެ.

އެރިޓްރިއާގައި އެފްއެސްއެމްގެ ދެ ބޯޓާއި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓެއް ހިމެނޭހެން ރާއްޖޭގެ ތިން ތެޔޮ ބޯޓެއް ހިފަހައްޓާފައިވާއިރު އެ ބޯޓުތަކުގައި ތިބި ފަޅުވެރިން ދޫކޮށްލުމުން މިދިޔަ މަހުގެ ދެވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެފްއެސްއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެރިޓްރިއާގައި ހިފެހެއްޓި ބޯޓުތަކާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓީޖިސްޓް، ސަފާތު އަހްމަދު ޒާހިރު "ސީއެންއެމް" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ އެފްއެސްއެމްގެ ބޯޓުތައް ގެނައުމަށް ޑިޕްލޮމެޓިކް ޗެނަލްސް މެދުވެރިކޮށް އެރިޓްރިއާ އާއެކު މަޝްވަރާކުރެވެމުންދާ ކަމަށެވެ.

އެރިޓްރިއާގެ ސިފައިން ބޯޓުތައް ހިފަހައްޓާފައިވަނީ ހުއްދަ ނުހޯދާ އެ ގައުމަށް އެތެރެވި ކަމަށް ބުނެއެވެ. މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ބޯޓުތައް އެރިޓްރިއާގައި ބަނދަރުކޮށްފައިވަނީ މިސްރުން ފުރައިގެން ރާއްޖެއަށް ކުރި ދަތުރުގައި މޫސުން ގޯސްވެ ބޯޓެއްގެ ހުންގާނަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.

އެފްއެސްއެމުން 2019 ވަނަ އަހަރު ތެޔޮ އުފުލުމަށް ހަތަރު ބޯޓެއް ބަންނަން މިސްރުގެ ކުންފުންޏަކާ ހަވާލުކުރިއިރު، މީގެކުރިން އެ ކުންފުނިން ވަނީ އޭގެތެރެއިން ދެ ބޯޓު ރާއްޖެއަށް ގެނެސްފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް