ads
އިއްޒުއްދީން ސުކޫލުގައި މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ކެމްޕެއިނު ހަރަކާތުގެ ތެރެއިން
އެންމެ ބޮޑު ކޯލިޝަނާއެކު ރައީސްގެ ޔަގީންކަން އެއްބުރުން އިންތިހާބު ކާމިޔާބުކުރުމަށް
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ހެއްދެވި ކޯލިޝަނަކީ މިހާތަނަށް ރާއްޖޭގައި ހެދި އެންމެ ބޮޑު ކޯލިޝަން ކަމަށާއި އެއްބުރުން އިންތިހާބު ކާމިޔާބުވާނޭ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޒުއްދީން ސުކޫލުގައި މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ކެމްޕެއިނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ފާއިތުވީ އަހަރުތަކުގެ އިންތިހާބުތަކުގައި ވާދަކުރެއްވި ޕާޓީތަކުގެ މެންބަރުންގެ އަދަދާއި އިންތިހާބުން ލިބުނު ވޯޓުގެ އަދަދު އަޅާ ކިޔުއްވައިފަ އެވެ.

"2013ގައި ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރުގައި ޕީޕީއެމްގެ މެންބަޝިޕްއަކީ 40 [ހާސް] ކޮންމެވެސް ވަރެއް، 98،000 ވޯޓު ހޯއްދެވި [ފުރަތަމަ ބުރުގައި]،" ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަނީ މިހާތަނަށް އިންތިހާބެއްގައި ވާދަކުރާ އެންމެ މެންބަޝިޕް ބޮޑު ކޯލިޝަނާއެކުގައި ކަމަށެވެ.

"މިއީ މިހާތަނަށް ރާއްޖޭގައި ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން. 77،700 މެމްބަރުން މި ކޯލިޝަންގައި އެބަތިބި." ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އެމަނިކުފާނަށް ތާއީދު ހޯދުމަށް މާލެ އާއި ރަށްރަށުގައި ކެމްޕެއިން ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މި އިންތިހާބުގައި ރައީސްއާ އެކު މަސައްކަތް ކުރަން ދިން ދައުވަތު ގަބޫލު ނުކޮށް، އިންތިހާބުގައި ވަކިން ވާދަކުރަން ވަނީ ނިންމައިފަ އެވެ.

ރައީސް ސޯލިހާއެކު 77،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވި ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވަނީ ކޯލިޝަން ހައްދަވައިގެންނެވެ. އެގޮތުން، މިހާތަނަށް އެމަަނިކުފާނާ އެކު ކޯލިޝަން ހަދާފައިވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އިންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެެއްގައި ވޯޓުލާން ޖެހިއްޖެނަމަ ވޯޓުލުން އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް