މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނީ އެ ކުންފުނީގެ ފަރާތުން އަހަރަކު އެއްފަހަރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޔޮޓްރެލީ - 'ސަވާދީއްތަ ދަތުރު 2024' ގެ ފުރަތަމަ އެޑިޝަން 2022 ވަނަ އަހަރު އަދި ދެވަނަ އެޑިޝަން 2023 ވަނަ އަހަރު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. ފުރަތަމަ އެޑިޝަންގައި ހަތް ޔޮޓެއް ބައިވެރިވިއިރު، ދެވަނަ އެޑިޝަންގައި 14 ޔޮޓެއް ބައިވެރިވެފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.
އެމްއައިޓީޑީސީން ބުނެފައިވަނީ 'ސަވާދީއްތަ ދަތުރު 2024' ގެ ތިންވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް ކަމަށެވެ. މި އެޑިޝަންގައި ޒިޔާރަތްކުރާނެ ރަށްތަކާއި ތާރީހުތައް އިއުލާނުކޮށްފައިވަނީ ގިނަ އަދަދެއްގެ ޔޮޓްސްމަނުންނާއި ދުނިޔޭގެ މަޝްހޫރު މެރީނާތަކާ އެކު މިއަދު ބޭއްވުނު ހާއްސަ ވާޗުއަލް ސެޝަނެއްގައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއައިޓީޑީސީން ބުނި ގޮތުގައި ތިންވަނަ އެޑިޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "Maldives – a small country with a big heart" މި މައިގަނޑު ތީމްގެ ދަށުން ކަމުގައެވެ.
'ސަވާދީއްތަ ދަތުރު 2024' ގައި ޔޮޓްތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ކުޑަގިރި، ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫގެ އިތުރުން ސ.ގަމަށް އެމްއައިޓީޑީސީން ބުނެއެވެ. އެމްއައިޓީޑީސީން ބުނެފައިވަނީ 'ސަވާދީއްތަ ދަތުރު 2024' ތިންވަނަ އެޑިޝަން ފެށުމުގެ ރަސްމިއްޔާތު ކުޑަގިރީގައި ބާއްވާއިރު ނިންމުމުގެ ރަސްމިއްޔާތުގެ ގާލާނައިޓް ބޭއްވުމަށް ގަސްތުކޮށްފައިވަނީ އައްޑޫ ސިޓީގައި ކަމަށެވެ.
'ސަވާދީއްތަ ދަތުރު 2024' އެންޑޯޒްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީ، އެމްއެމްޕީއާރުސީ، މަޓީ އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން ހިމެނޭކަމަށް އެމްއައިޓީޑީސީން ބުނެއެވެ. އެމްއައިޓީޑީސީން ބުނީ ޓޫރިޒަމްގެ އިލްމީ ދިރާސާތައް ކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމުގައިވާ 'އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަން' ގެ ފަރާތުން ވަނީ އަންނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފައި ކަމަށެވެ.
ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ ސެއިލް ކޮމިއުނިޓީ ބަލައިގަނެފައިވާ އިވެންޓެއް ކަމަށް އެމްއައިޓީޑީސީން ބުނެއެވެ. އެމްއައިޓީޑީސީން ބުނި ގޮތުގައި މި އިވެންޓަކީ ރާއްޖޭގެ ޒަމާންވީ ތާރީހާއި ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމުގައެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްއައިޓީޑީސީން ބުނީ 'ސަވާދީއްތަ ދަތުރު' ގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިންގެ ގަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މިދިޔަ އަހަރާއި މި އަހަރު ބޭއްވުނު ސަވާދީއްތަ ދަތުރުތަކުގެ ނަތީޖާ އާއި ބައިވެރިންގެ ފަރާތުން ލިބުނު ހިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި އަންނަ އަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ 'ސަވާދީއްތަ ދަތުރު ތިނެއް' އަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ. އެމްއައިޓީޑީސީން ބުނީ މި ފަހަރުގެ ދަތުރަކީ، ފުރަތަމަ ފަހަރަށް އީކުއޭޓަ ހުރަސް ކުރުމާއި އަދި ރާއްޖޭގެ ބޮޑު ދެ ކަނޑެއް ހުރަސްކުރާ ރެލީއަށް ވެގެންދާނެ ކަމަށެވެ.
އެމްއައިޓީޑީސީން ބުނި ގޮތުގައި 'ސަވާދީއްތަ ދަތުރު 2024' ގައި ޒިޔާރަތްކުރާ ރަށްރަށުން (މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް) ލޯކަލް ގައިޑުން ތަމްރީނުކުރުމާއި އެ ރަށްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ދަތުރުގެ ތީމާ ގުޅޭ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ.