ads
އައިޖީއެމްއެޗްގައި ޕެޓް ސްކޭން ހެދުމަށް ބޭނުންވާ މެޝިން ގެންނަން އެސްޓީއޯ އާ ހަވާލުކުރުން - ފޮޓޯ:ހެލްތު މިނިސްޓްރީ
އައިޖީއެމްއެޗްގައި ޕެޓް ސްކޭން ހެދުމަށް ބޭނުންވާ މެޝިން ގެންނަން އެސްޓީއޯ އާ ހަވާލުކޮށްފި
އައިޖީއެމްއެޗްގައި ޕެޓް ސްކޭން ހެދުމަށް ބޭނުންވާ މެޝިން ގެނައުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.

ޕެޓް ސްކޭން މެޝިން ދެ މަސް ދުވަހުގެ ތެރޭގައި ގެނެސް އައިޖީއެމްއެޗްގައި ހަރުކުރުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އެ އެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް ސޮއިކުރެއްވިއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ.

ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ އާ ދެމެދު ހަދާފައިވާ އެގްރިމެންޓުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދޭނީ އެ ކުންފުނިންނެވެ. އައިޖީއެމްއެޗްއަށް ޕެޓް ސްކޭން މެޝިން ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފައިވަނީ އެ އެގްރިމެންޓުގެ ދަށުންނެވެ.

ޕެޓް ސްކޭނަކީ ހަށިގަނޑުގައި ކެންސަރު ހުރިތޯ އަދި އެ ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހަދާ ސްކޭނެކެވެ. ޕެޓް ސްކޭންގެ މައިގަނޑު އެއް ބޭނުމަކީ ކެންސަރު ސްކްރީނިން ކަމަށް ވީނަމަވެސް ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމަށްވެސް އެ ސްކޭން ހަދައެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެ ހިދުމަތް ރާއްޖޭން ލިބެން ނެތުމުން ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކުވެސް ހާހެއްހާ މީހުން ބޭރަށް ފޮނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ޕެޓް ސްކޭންގެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ގިނަ ބަޔަކަށް ލުއި ލިބޭނެ ކަމެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް