ނ. ހޮޅުދޫގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފާރެއް ވެއްޓި، އެ މަސައްކަތުގައި އެ ވަގުތު ހަރަކާތްތެރިވަމުންދިޔަ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ތިން މުވައްޒަފަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ހޮޅުދޫގައި ހިނގާދިޔަ މި ހިތާމަވެރި ހާދިސާ އާ ގުޅޭގޮތުން ރަށު ކައުންސިލުގެ ރައީސް ރިލްވާން މުހައްމަދު "ސީއެންއެން" އަށް ވިދާޅުވީ އެ ހާދިސާއަކީ އެ ރަށުގައި މަގުހެދުމުގެ ހެދުމަށް އާރުޑީސީން ހިންގާ މަގު ހެދުމުގެ ޕްރޮޖެކްޓުގައި ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ހިނގާދިޔަ ހާދިސާއެއް ކަމަށެވެ. ރަށުގައި ހިނގައިދިޔަ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަން ފާހަގަކުރައްވާ ރިލްވާން ވިދާޅުވެފައިވަނީ މީހެއްގެ ފުރާނައަށް ނުރައްކާ ނުވި ނަމަވެސް ހާދިސާއަކީ ވަރަށް ނުރައްކާތެރިކޮށް ހިނގި ހާދިސާއެއް ކަމަށެވެ.
ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ހާދިސާ ހިނގާދިޔައީ ގާތްގަނޑަކަށް މިއަދު ހަވީރު 5:30 ހާއިރު ކަމަށާއި އަނިޔާވި ފަރާތްތަކަށް ފަރުވާދިނުމަށް ރަށުގެ ސިއްހީ މަރުކަޒަށް ގެންދެވިފައިވަނީ ވަރަށް އަވަސް ގޮތެއްގައި ކަމުގައެވެ. މަގު ކައިރިން ހޮޅި އެޅުމަށްޓަކައި ކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ގާތްގަނޑަކަށް ފާރުގެ ބުޑުން ކަމަށް ރިލްވާން ވިދާޅުވިއެވެ. ރިލްވާން ވިދާޅުވީ ވެއްޓުނު ފާރަކީ ވަރަށް ދުވަސްވެފައިވާ ފާރެއް ކަމަށެވެ.
"ކޮނުނުއިރު ފާރަަކީވެސް ވަރަށް ދުވަސްވެފައި ހުރިތަނެއް. ދެން އަނެއްކާ އެތެރެ ފަރާތުގައި ހުރޭ ގާ އަޅަން ވެލި ގެނެސް އަޅާފައި. ދެން އެކަމާވެސް ގުޅުންހުރި އެ ފާރުވެއްޓުމުގައި އަސްލު،" - ހޮޅުދޫ ކައުންސިލުގެ ރައީސް ރިލްވާން މުހައްމަދު
ރިލްވާން ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭތީ އާއެކު ކަމަށެވެ. މަސައްކަތް ކުރާއިރު ރައްކާތެރިކަމަށް އެވަރަށް ނުބެލެނީކަން ފާހަގަކުރައްވާ ރިލްވާން ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރި ކަމުގައި ވީނަމަވެސް ރައްކާތެރިކަމުގެ ގޮތުން އެ އަޅަން ޖެހޭ ފިޔަވަޅުތަކާ އެކު މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ހާދިސާގައި އަނިޔާވި އާރުޑީސީގެ ތިން މުވައްޒަފުންނަށް ހޮޅުދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.