ads
ކެންސަ ސްކްރީނިން އެޕެއް ތައްޔާރު ކުރުމަށް އެމްއޭސީއެލުން ސީއެސްއެމްއަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އެހީ ދިނުން - ފޮޓޯ:އެމްއޭސީއެލް
ކެންސަރު ސްކްރީނިން އެޕެއް ތައްޔާރު ކުރުމަށް އެމްއޭސީއެލުން އެއް ލައްކަ ރުފިޔާ
ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއް ލައްކަ ރުފިޔާގެ ފައިސާގެ އެހީ އެ ސޮސައިޓީ އާ ހަވާލުކޮށްފިއެވެ.

އެ ކަމަށްޓަކައި އެމްއޭސީއެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބް ސުޖާއުއެވެ. ސީއެސްއެމްގެ ފަރާތުން އެހީ އާ ހަވާލުވެލެއްވީ އެ ޖަމިއްޔާގެ ހަޒާންދާރު ނީނާ މަންސޫރެވެ.

އެމްއޭސީއެލުން ބުނީ ސީއެސްއެމްއަށް ދިން އެއް ލައްކަ ރުފިޔާގެ އެހީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކެންސަ ސްކްރީނިން އެޕްލިކޭޝަނެއް ހެދުމަށާއި ޑޭޓާބޭސްއެއް ތަރައްގީ ކުރުމަށް ކަމަށެވެ.

މި އެހީއަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެވުނު އެހީއެއް ކަމަށާއި މުޖުތަމައުގެ ދުޅަހެޔޮ ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް އަބަދުވެސް އެހީތެރިކަން ދޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނެފައިވަނީ ކެންސަ ސްކްރީނިން އެޕްލިކޭޝަނެއް ހެދުމަށް ދެވުނު އެހީގެ ސަބަބުން ސީއެސްއެމުން ކެންސަރާ މެދު އާންމުން ހޭލުންތެރިކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އެޕްލިކޭޝަން ހެދުމުން ސްކްރީންކުރުމުގެ އެންމެހާ ކަންކަން ހަރުދަނާވެ، ރެކޯޑުތައް ބެލެހެއްޓުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ސީއެސްއެމުން ބުނި ގޮތުގައި މިހާތަނަށް 20،900 މީހަކު ކެންސަރަށް ސްކޭންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުރަމަތީ ކެންސަރު، އަނގައިގެ ކެންސަރުގެ އިތުރުން ސާވިކަލް ކެންސަރު ހިމެނޭ ކަމަށް އެ ސޮސައިޓީން ބުނެއެވެ.

ސީއެސްއެމުން ބުނެފައިވަނީ މި އަހަރުގެ ތެރޭގައި ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަ ސްކްރީނިން ތައާރަފުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕްރޮސްޓޭޓަކީ ފިރިހެނުންގެ ތެރޭގައި އާންމު ކެންސަރުގެ ބާވަތަކަށްވާއިރު ކޮލޮރެކްޓަލް ކެންސަރަކީ ހަޖަމުގެ ނިޒާމަށް ޖެހޭ ކެންސަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް