ads
ގައުމީ ކްރިކެޓް މުބާރާތުގެ ތެރެއިން
ގައުމީ ކްރިކެޓް މުބާރާތް ފެށިއްޖެ
50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން ސީބީއެލް ސްޕޯޓްސް އާއި މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ.

50 އޯވަރު ގައުމީ ކްރިކެޓް މުބާރާތް ފެށުނީ ހުކުރު ދުވަހުއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސީބީއެލް މޮޅުވީ ނިއު ސްޓަރ އަތުން ނުވަ ވިކެޓުންނެވެ. މި މެޗުގެ ގުރު ދިމާވުމުން ނިއު ސްޓަރ އެންމެ ފުރަތަމަ ކުޅެން އަރައި 25.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 98 ލަނޑެވެ. ޖަވާބުގައި ސީބީއެލް ކުޅެން އަރައި 13.1 އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 99 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މމިލާން މޮޅުވީ މާލޭ ވެޓެރަންސްއާ ބައްދަލުކޮށް 17 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 48 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ވަނީ 290 ލަނޑު ހަދާފައެވެ. ޖަވާބުގައި މާލޭ ވެޓެރަންސް ކުޅެން އަރައި ނުވަވަނަ އޯވަރުގައި ވިއްސާރަވެގެން ކުޅުން ހުއްޓާލިއިރު ހެދިފައިވަނީ 56 ލަނޑެވެ. އެއާއެކު ވިއްސާރައަށްފަހު އަމްޕަޔަރުން ނިންމީ 28 އޯވަރު ކުޅޭ ގޮތަށެވެ. 28 އޯވަރުގައި މާލޭ ވެޓެރަންސްއަށް ހަދަން ޖެހުނީ 200 ލަނޑެވެ. އެކަމަކު 28 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 183 ލަނޑެވެ. މާލޭ ވެޓެރަންސްއިން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 42 ލަނޑު ހެދި އިރާންދަ ސަންޖީވާއެވެ.

މި މުބާރާތުގައި ފަސް ޓީމެއް ވާދަކުރެއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، އެންމެ ކުރީގައި ނިންމާ ދެ ޓީމު ފައިނަލް މެޗުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް