ads
ކާޓާގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފަށައިގެން ކުރިއަށް ދަނީ - ފޮޓޯ:މީރާ
ކާޓާގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ފަށައިގެން ކުރިއަށް ދަނީ
ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޝަން (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ވިލާ ނޯޓިކާ-ޕެރެޑައިސް އައިލެންޑްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލީ މަނިކު ކަމަށެވެ. އެ ރަސްމިޔާތުގައި ޝަރަފުވެރި މެހެމާން އިސްމާއިލް އަލީ މަނިކު ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ކާޓާ ކޮންފަރެންސްގެ ތީމް ކަމުގައިވާ 'ރޯލް އޮފް ޑޭޓާ އިން ޓެކްސް ކޮމްޕްލަޔަންސް މެނޭޖްމަންޓް އެންޑް ޓެކްސޭޝަން އޮފް ހޮސްޕިޓާލިޓީ އިންޑަސްޓްރީ' (ޓެކްސް ކޮމްޕްލަޔަންސް މެނޭޖްކުރުމުގައި އަދި ހޮސްޕިޓާލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ދިމާވާ ގޮންޖެހުންތަކުގެ) މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގައި މި ކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރެއްވި ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނެފައިވަނީ އެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ 29 ގައުމަކުން އަދި ނުވަ ބައިނަލްއަގުވާމީ އިދާރާތަކުގެ ޓެކުހާ ބެހޭ މާހިރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކާޓާ، މީރާ އަދި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

your imageފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލީ މަނިކު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:މީރާ

މީރާއިން ބުނި ގޮތުގައި ކާޓާގެ އެގްޒެކެޓިވް ޑިރެކްޓަރު، ޑަންކަން އޮންޑުރޫ ދެއްކެވި ވާހަކަފުޅުގައި މި ކޮންފަރެންސް ބޭއްވުމަށް ރާއްޖޭގެ ފަރާތުން މީރާއިން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައިވާ ކަމުގައެވެ. 

ކާޓާގެ އެގްޒެކެޓިވް ޑިރެކްޓަރުގެ އިތުރުން ކާޓާގެ ޗެއާޕާސަން، ދަތުކް ޑރ. މުހައްމަދު ނިޒޯމް ސައިރީ އާއި ކާޓާގެ ރައީސް، މުހައްމަދު ނާމީ އަދި މީރާގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވަނީ ވާހަކަފުޅުދައްކަވާފައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މިރާއިން ބުނީ ކޮމިޝަނަ ޖެނެރަލްގެ ވާހަކަފުޅުގައި މިއީ އެ އޮތޯރިޓީން ފުރަތަމަ ފަހަރަށް މި ފަދަ ބައިނަލްއަގުވާމީ ކޮންފަރެންސެއް ބާއްވާ ފަހަރުކަން އުފަލާ އެކު ފާހަގަކުރެއްވި ކަމަށެވެ. ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްސް އިދާރާތަކުން އެކުގައި މި ގޮތަށް މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކުރައްވާ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އޮތޯރިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، އެކި ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި ގައުމުތަކުގެ ޓެކްސް ނެގުމުގެ ނިޒާމްތައް ހަރުދަނާކުރުމަށް ކާޓާއިން ކުރަމުންގެންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ފަތުހުﷲ ޖަމީލްގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވި ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނެފައިވަނީ މިއީ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ އަދި ކޮންމެ އަހަރަކުވެސް ތަފާތު މެންބަރު ގައުމެއްގައި ބާއްވާ ހަރަކާތެއް ކަމަށެވެ. މިއީ މި ކޮންފަރެންސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަމަށާއި މި އަހަރު ރާއްޖޭގެ ފަރާތުން މި ހަރަކާތް ރާވައި އިންތިޒާމްކޮށްފައިވަނީ އެ އޮތޯރިޓީގެ ފަރާތުން ކަމަށް މީރާއިން ބުނެއެވެ.

your imageމީރާގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވާހަކަފުޅުދައްކަވަނީ - ފޮޓޯ:މީރާ

މީރާއިން ބުނި ގޮތުގައި މި ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ކަމަށެވެ. މި ކޮންފަރެންސްގެ އެކިއެކި އިންތިޒާމުތައް ހަމަޖެއްސުމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އިމިގްރޭޝަނުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނެފައިވަނީ މި ކޮންފަރެންސް ކުރިއަށް ދަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް