
މައުރޫފް، ރައީސް ޔާމިން އާ ސަލާންކުރައްވަނީ: ފޮޓޯ ސަން
ރައީސް ޔާމީނާއެކު ކޯލިޝަން ހަދައިގެން ވީ މުސީބާތަކަށް: މައުރޫފް
ގުފްތަގް އަޖީރު
16 ޖުލައި 2023 - 14:07:52
ކުރީގެ ރައީސް އަބްދުﷲ ޔާމިން އާއެކު އެމްޑީއޭއިން ކޯލިޝަން ހެދުން ވީ މުސީބާތަކަށް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ކެންޕޭނު ދަތުރުގައި ރޭ މ. މުލަކުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅވީ 2018 ވަނަ އަހަރު ޕީޕީއެމްއާއި އެމްޑީއޭ ހެދި ކޯލިޝަން ރޫޅުނީ ރައީސް ޔާމިންގެ ނާގާބިލުކަމުން ކަމަށެވެ.
"ރައީސް ޔާމީން ގާނޫނުއަސާސީ ބަދަލުކުރައްވައިގެން އަބަދާއަބަދު އަޅުގަނޑުމެން ޖެހެނީ ނައިބު ރައީސުންނާއި މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރަން. އެހެންކަމެއް ކުރާނެ ވަގުތެއް އަޅުގަނޑުމެންނަކަށް ނުވޭ. އެހެންވީމާ ބޮޑު މުސީބާތަކަށް އަޅުގަނޑުމެންނަށް ވީ،" ރައީސް ޔާމިން އާއެކު ހެދި ކޯލިޝަނުގެ ތަޖުރިބާ ހިއްސާކުރައްވަމުން މައުރޫފް ވިދާޅުވިއެވެ.
އެމްޑީއޭގެ ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔަސީ އިންތިހަބަށް ރައީސް ޔާމިން ކުރިމަތިލެއްވުން ބުއްދިވެރި ނޫންކަމަށެވެ. އަދި މިއަދު އެމްޑީއޭއިން ކޯލިޝަން ހަދާފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ މިހުންނާ ގުޅިގެން އުޅުމުގެ މިސާލެއްކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ މިއަދު އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި ކޯލިޝަން ހެދި ބޭފުޅުން. އަދާލަތު ޕާޓީގެ ރައީސް މި އިންނެވީ، އޮނަރަބަލް ގާސިމް އިބްރާހިމް އެ ހުންނެވީ، ރައީސް މައުމޫން އެ ހުންނެވީ. މި ބޭފުޅުންނަކީ ފަސޭހަ ބޭފުޅުންނެއް ނޫން، ވަރަށް ސިޔާސަ ބޭފުޅުން. ސިޔާސަ ވީމަ ނޫންތޯ ރައީސް ޔާމީނަށް ކެތްނުވެގެން ޖަލަށް ލާން ޖެހުނީ،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރުން ވެސް ޖަލަށްނުލައި ވެރިކަން ނިންމާލި ހަމައެކަނި ވެރިކަމަކީ ރައީސް ސާލިހުގެ ވެރިކަންކަމަށެވެ.
"އެއްވެސް މީހަކު ޖަލަށް ނުލައި، ދައުރެއް ނިންމާލި ރައީސަކީ މި އިންނެވީ. އެހެންވީމާ މިއަދު އަޅުގަނޑު ރައީސަށް ސެލިއުޓް އަރުވަން، ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއެކު ކޯލިޝަން ހަދާފައިވާ ދެ ޕާޓީއަކީ އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް