ads
ރައީސް ސޯލިހު--
ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވުމުގެ އަސަރު ސާކް ސަރަހައްދަށް ކުރާނެ: ރައީސް ސޯލިހު
ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު އަންނަމުންދާ ހީނަރު ކަމަކީ ސާކްގެ ގައުމުތައް ހިމެނޭ ސަރަހައްދަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސާކް ގައުމުތަކުގެ ލީޑަރުންގެ މެދުގައި މިއަދު ބޭއްވި ވީޑިއޯ ކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު (2.5 ބިލިޔަން ރުފިޔާ) އާއި 446.6 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ) އާ ދެމެދުގެ އަދަދަކަށް މަދުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ކާރިސާތަކާއި ނުވަތަ ބޮޑެތި ކަންކަން ސަރަޙައްދީ ޤައުމުތަކަށް ކުރިމަތިވާ ދަނޑިވަޅުތަކުގައި އަބަދުވެސް ސާކުގެ މެންބަރު ޤައުމުތަކަކީ އެކަތިގަނޑަކަށްވެ އެކުގައި މަސައްކަތްކުރައްވަމުން ގެންދާ ބައެއް ކަމުގައި ވިދާޅުވެފަ އެވެ. 

އެގޮތުން 2003 ވަނަ އަހަރު ސާސް ރޯގާ ފެތުރިގެން ދިޔަ ދުވަސްވަރު ރާއްޖެއިން އިސްނަގައިގެން ސާކްގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވަވައި އެ ވައިރަހާ ގުޅިގެން ކުރިމަތިލުމުގެ ސްޓްރެޓެޖީއެއް އެކުލަވާލެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑް-19 އާ ކުރިމަތިލުމުގައި ވެސް އެޤައުމެއް އެކަނި މަސައްކަތްކުރުމުގެ ބަދަލުގައި ކާމިޔާބީއަކާ ހަމައަށް ދެވޭނީ އެކުގައި ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތްކުރެވިގެންކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ ޤައުމުތަކުގެ ޞިއްޙީ ދާއިރާއަށް މިބަލީގެ ސަބަބުން އުފުލަންޖެހިދާނެ ބުރަ ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަވާ ވެސް ވާހަކަފުޅު ދައްކަވާފައެވެ. 

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދެއްވަނީ މި ބަލި ރާއްޖޭގައި ފެތުރުން ހުއްޓުވުންކަން ފާހަގަކުރައްވައި ރާއްޖެއިން މިކަމުގައި ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ވަނީ ހާމަކުރައްވާފައެވެ.

ހަމަ އެހެންމެ މި ބައްޔާ ކުރިމަތިލުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ކޮވިޑް-19ގެ ބަލި މީހެއް ރާއްޖެއިން ފުރަތަމަ ފެނިފައި ވަނީ މާރޗް މަހުގެ 7 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު މި ބަލީގެ 13 މީހަކު ރާއްޖެއިން ފެނިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއިން މި ބަލި ފެނުމުގެ މާކުރިން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދުރާލާ ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ފިޔަވަޅުތައް އަޅުއްވަން ފެއްޓެވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކަމާގުޅޭ އެސްއޯޕީތައް ތައްޔާރުކުރުމާއި، އެކި ސަރަޙައްދުތަކުގައި ކަރަންޓީނު ކުރާނެ ތަންތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރުން އާންމުތަންތަނަށް އެއްވުން ހުއްޓާލުމަށް އެންގުމާއި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާ، އިޓަލީ ފަދަ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރުން ވަގުތީ ގޮތުން މެދުކަނޑާލުން ފަދަ ފިޔަވަޅުތައް ރާއްޖެއިން އަޅާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސާކް ލިޑަރުންގެ މެދުގައި ބޭއްވެވި މި ވީޑިއޯ ކޮންފަރެންސަކީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ އިސްނެންގެވުމަކަށް ބޭއްވެވި ވީޑިއޯ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ބޫޓާނުގެ ބޮޑުވަޒީރު ޑރ. ލޮޓޭ ސެރިންގ އަދި ޕާކިސްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް ޑރ. ޒަފަރު މިރުޒާ ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ކޮންފަރެންސްގައި ކޮންމެ ޤައުމަކުންވެސް މި ބަލިމަޑުކަމާ ގުޅިގެން އެޤައުމެއްގެ ޙާލަތާއި، އަދި އެ ޤައުމަކުން މިކަމާ ކުރިމަތިލުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ސާރކް ޤައުމުތަކުން ގުޅިގެން ބަލިމަޑުކަމާ ކުރިމަތިލުމުގެ މުހިންމުކަން ހުރިހާ ޤައުމަކުންވެސް ފާހަގަކުރެއްވިއެވެ.

މިކޮންފަރެންސްގައި ސާރކްގެ އެހެން ޤައުމުތަކުން ވެސް ވަނީ ކޮވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމަތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން އިންޑިޔާގެ ބޮޑުވަޒީރު ވަނީ ކޮވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތަކުން ބައިވެރިވާ ފަންޑެއް އިފްތިތާޙްކުރުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން އެފަންޑު ހުޅުވުމުގެ ގޮތުން އިންޑިޔާއިން އެ ފަންޑުގައި 10 މިލިޔަން ޑޮލަރު ހިމަނުއްވާނެކަން ބޮޑުވަޒީރު މޯދީ އިޢުލާނު ކުރެއްވެވިއެވެ. 

ހަމަ އެހެންމެ މި ބަލީގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަ ށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާކުރެވުނެވެ. 

މި ވީޑިއޯ ކޮންފަރެންސް ނިންމަވާލައްވަމުން ސާކް ޤައުމުތަކުގެ ވެރިން ވަނީ ކޮވިޑް-19 އާ ކުރިމަތިލުމުގައި މުޅި ސަރަޙައްދު އެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީހުން ތަމްރީނުކުރުމާއި، ތަޖުރިބާ ޙިއްޞާކުރުމާއި ބޭސްފަދަ ތަކެތިވެސް ސާކްގެ އެއްޤައުމުން އަނެއްޤައުމާ ޙިއްޞާކޮށް ގުޅިގެން އެކީގައި މިކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް ހުރިހާ ޤައުމަކުންވެސް ޚިޔާލުފާޅުކުރެއްވެވިއެވެ.

މިހާތަނަށް އައިއިރު ސާކް ޤައުމުތައް ހިމެނޭ މި ސަރަޙައްދުގެ ޤައުމުތަކުން ކޮވިޑް-19 އަށް 139 މީހުންނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. ރާއްޖޭގައި ވެސް މިއަދާ ހަމައަށް މިހާރު ވަނީ މިބައްޔަށް 13 މީހަކު ޕޮޒިޓިވް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް