އާބަންކޯއިން ބުނީ މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ޝްވެކް ސިނަމާގައި ބޭއްވުނު ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ޑިރެކްޓަ އޮފް ޕްރޮގްރާމްސް އާދަމް ހަލީމުގެ އިތުރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ކޯޕަރޭޝަނުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ފަރާތްތަކަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝަނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި، ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ކުރެވެން ހުރި ކަންތައްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށް ނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ގާބިލު ބަޔަކަށް ހެދުމަކީވެސް މި ޕްރޮގްރާމުގެ މަގުސަދެއް ކަމަށެވެ.
އާބަންކޯއިން ބުނެފައިވަނީ މި ޕްރޮގްރާމަކީ އެ ކޯޕަރޭޝަނުން މިހާތަނަށް ހިންގާ ހަވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކަމަށެވެ. މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 100 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމުތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ 'ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް' ތަކާ އެއްގޮތަށް ކަމުގައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ހާސިލް ކުރުމާ އެކު މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އާބަންކޯއިން ބުނީ މި ޕްރޮގްރާމުގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވޭނެ ކަމަށެވެ. އެ ދާއިރާތަކަކީ ހެވީ ވެހިކަލް، ވެލްޑިން، ގާޑަނިން، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަ ހާޑްވެއަ އެންޑް ނެޓްވޯކިން، ހައުސްކީޕިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިން އެންޑް ޑެކަރޭޝަންސްގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އާބަންކޯއިން ވަނީ އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކުގެ ފަންޑް 'ކޮވިޑް-19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ގެ އެހީ އާއެކު ކަމަށް އާބަންކޯއިން ބުނެއެވެ.
ތިންހާސް ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެ ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި، ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވިއެވެ. އާތިފް ފާހަގަކުރެއްވި ގޮތުގައި ގިނަ ދާއިރާތަކަކުން ގާބިލު ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައެވެ.