ބީސީސީން ތޮއްޑޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފާމާސް މާކެޓަކީ 5،000 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކުރާ ތަނެކެވެ.
ފާމާސް މާކެޓް ގާއިމުކުރުމުގެ ބޭނުމަކީ ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރެވޭނެފަދަ ދިވެހި އުފެއްދުންތައް އުފެއްދުމެވެ. ބީސީސީން ބުނީ ތޮއްޑޫގައި ތަރައްގީ ކުރާ ފާމާސް މާކެޓަކީ ދަނޑުވެރިންގެ އުފެއްދުންތަކުން މަންފާ އިތުރުކޮށް މާކެޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ތަނެއް ކަމަށާއި ތަން ފަރުމާކޮށްފައިވަނީ 10 މާކެޓް ކިއޮސްކް ސްޕޭސް ހިމެނޭހެން ކަމަށެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫންއެންޑީޕީ އާ ގުޅިގެން ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާ އެކު ހިނގަމުންދާ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ) ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ފާމާސް މާކެޓް އިމާރާތް ކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުވެރިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީސީސީން ބުނެއެވެ. ބީސީސީން ބުނި ގޮތުގައި އޮގޭނިކް އަދި ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުން ވެލިއު އެޑްކޮށްގެން ބާޒާރަށް ނެރޭނެ ގޮތްތަކުގެ އިތުރުން އެކަން ކުރަންވީ ގޮތް ދަނޑުވެރިންނަށް ދަސްކޮށްދެވިގެންދާނެ ކަމުގައެވެ.
ބީސީސީން ބުނެފައިވަނީ ފާމާސް މާކެޓް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާގައި އަންދާސީ ހިސާބު ހުށައެޅުން އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ބީސީސީން ބުނި ގޮތުގައި މި ބީލަމުގެ މައުލޫމާތު ސާފުކުރާ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށް ބީސީސީން ބުނެއެވެ.
ބީސީސީން ބުނީ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުގެ ނަންބަރު 3330587 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.