ads
ރައީސް އިހަވަންދޫގައި
ރައީސް ހއ ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހއ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ހއ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައެވެ. މިރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް ރައީސް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ހއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ފެއްޓެވީ ބުދަ ދުވަހުއެވެ.

އެގޮތުން ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވާ އުލިގަމުގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހްކޮށްދެއްވައި އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ވަނީ ހުޅުއްވާދެއްވާފައެވެ. 

މޮޅަދޫގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާ އިހަވަންދޫގެ ބަނދަރާއި، ފެނަކަ އޮފީހާއި، އިހަވަންދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ އިތުރުން އެރަށުގެ ކޮމިއުނިޓީ ސެންޓަރާއި އިހަވަންދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވިއެވެ. މާރަންދޫއަށް ވަޑައިގެން އެރަށުގެ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާ ތަކަންދޫއަށް ވަޑައިގެން އެރަށުގައި ތަރައްގީކޮށްފައިވާ ވޮލީ ކޯޓުވެސް ހުޅުއްވައި ދެއްވިއެވެ. އަދި ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ތަން ހުރިހާ ރަށަކުންވެސް ފެނިވަޑައިގަންނަވާކަމަށެވެ.

ކެމްޕެއިން ދަތުރުފުޅުގައި ރައީސް ވަނީ މީގެކުރިން ށ ، މ އަދި ވ އަތޮޅަށް ވަޑައިގަންނަވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް