
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 119،405 ފަތުރުވެރިން ވަނީ އައިސްފައެވެ.
މި އަހަރުގެ ޖެނުއަރީމަހުގެ ކުރީކޮޅު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައަށް އެރި ރަޝިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ މާކެޓުގެ ދެވަނައަށް ދިޔައީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
- މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،016،719 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
- މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 13.4 އިންސައްތައިގެ އިތުރުވުމެއް
- މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 896،625 ފަތުރުވެރިން
ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 87،112 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 4.4 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،084 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 119،405 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
- އިންޑިއާ - 118،638 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
- އިނގިރޭސިވިލާތް - 85،884 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ)
- ޗައިނާ - 80،769 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.9 އިންސައްތަ)
- ޖަރުމަނުވިލާތް - 70،065 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.9 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއިންނެވެެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،253 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 171 ރިސޯޓާއި 13 ހޮޓަލާއި 908 ގެސްޓްހައުސްގެ އިތުރުން 161 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 61،116 އެނދު އޮޕަރޭޓްކުރެއެވެ.