އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތާ އެކު ކުށްމަދުކުރުމަށް ތަފާތު ޕްރޮގްރާމުތައް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީއެވެ.
އެއްބަސްވުމުގައި ސޮއިކުރައްވައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމުތަކުގައި އެމްޕީއެލްގެ ފަރާތުން އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ދެއްކެވި ވާހަކަފުޅުގައި ފުލުހުންނާ އެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން މިދަނީ ފުލުހުންނާ ގުޅިގެން ކުށްމަދުކުރުމަށް ތަފާތު ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދެވޭނެތީކަން ފާހަގަކުރައްވާ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުށްމަދުކުރުމުގެ ތަފާތު ޕްރޮގްރާމުތައް މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.