
ކޮވިޑު-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމަކީ ޗައިނާއެވެ. ޗައިނާއިން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ އެކު، ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެ ގައުމުން ވަނީ ސީދާ ދަތުރުތައް ރާއްޖެއަށް ކުރަން ފަށާފައެވެ.
ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ފެށުމާ އެކު، އެ ގައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 87،662 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ ޖޫން މަސް ނިމުނުއިރު އެ ގައުމު އޮތީ ފަތުރުވެރިކަމުގެ މާކެޓުގެ ހަވަނައިގައެވެ.
މާކެޓުގެ ފަސްވަނައިގައި އޮތް އިޓަލީގެ މައްޗަށް ޗައިނާއިން ކުރި ހޯދާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ހަތަރުވަނައިގައި އޮތް ޖަރުމަނުވިލާތް ފަހަތަށް ޖައްސާލުމަށްފަހު ފަތުރުވެރިކަމުގެ މާކެޓުގެ ހަތަރުވަނައަށް ޗައިނާއިން އަރާފައިވަނީ މަހުގެ ކުރީކޮޅުގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
- މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،050،661 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
- މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 13.4 އިންސައްތައިގެ އިތުރުވުމެއް
- މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 926،275 ފަތުރުވެރިން
ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 121،054 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 7.1 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،076 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 123،731 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.8 އިންސައްތަ)
- އިންޑިއާ - 121،046 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.5 އިންސައްތަ)
- އިނގިރޭސިވިލާތް - 88،204 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ)
- ޗައިނާ - 87،662 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.3 އިންސައްތަ)
- ޖަރުމަނުވިލާތް - 71،642 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.8 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއިންނެވެެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،256 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 13 ހޮޓަލާއި 910 ގެސްޓްހައުސްގެ އިތުރުން 161 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 61،554 އެނދު އޮޕަރޭޓްކުރެއެވެ.