ads
ޗައިނާގެ ސިޗުއާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން: ދަތުރުތައް ފަށާފައިވަނީ ހަތް އަހަރަށްފަހު - ފޮޓޯ:އެމްއޭސީއެލް
ޗައިނާގެ ސިޗުއާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ 186 ފަސިންޖަރުންނާ އެކު އަލުން ފެށި ދަތުރުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 6:05 ގައި ކަމަށެވެ.

ޗައިނާގެ ޗެންގްޑޫ އާއި ރާއްޖެ އާ ގުޅުވައިދޭ ގޮތަށް ސިޗުއާންއިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނި ގޮތުގައި ސިޗުއާން އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވަނީ ހަތް އަހަރަށްފަހުގައި ކަމުގައެވެ. 

އެމްއޭސީއެލުން ބުނީ ޗައިނާގެ ދެ އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބެއިޖިން ކެޕިޓަލްއިން ހަފުތާއަކު ޗާޓަރު ފްލައިޓެއް ބާއްވާއިރު، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނެފައިވަނީ ވީއައިއޭއަށް ސިޗުއާން އެއާލައިން އަލުން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސޯދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓް ކަމަށާއި މި އަހަރުގެ ކުރީކޮޅު ބޯޑަރު ހުޅުވާލިފަހުން ޗައިނާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މިއީ މިހާރު ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު މާކެޓުކަން ފާހަގަކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

your imageޗައިނާގެ ސިޗުއާން އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމުން ވީއައިއޭއިން މަރުހަބާ ކިޔަނީ - ފޮޓޯ:އެމްއޭސީއެލް

ވީއައިއޭ ހިންގާ އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކިކަންކޮޅުތަކާއި ރާއްޖެ އާ ގުޅުވާލުމަށް ގިނަ އެއާލައިންތަކަކަށް މަރުހަބާ ކިޔަމުން ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނީ މި އަހަރު ފިނިމޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، އާ މަންޒިލްތަކުން ރާއްޖެއަށް ފްލައިޓުތައް ބާއްވާނެ ކަމަށެވެ. އެގޮތުން އެމެރިކާގެ ވާޖިން އެޓްލާންޓިކް އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއާޕޯޓާ ދެމެދު ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މިހާރު ރާއްޖެއަށް ދުނިޔޭގެ ތިރީހަށްވުރެ ގިނަ މަންޒިލުން ސާޅީހަށްވުރެ ގިނަ އެއާލައިނުން އަންނަނީ އޮޕަރޭޓްކުރަމުން ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް