ads
ސުޕްރީމް ކޯޓުގެ ޝަރީއަތުގައި
ދިގު ދެމިގެން ދިޔަ ބޮޑު ޝަރީއަތުގެ ހުލާސާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުންވަނީ ހުކުރު ދުވަހު ނިންމާލާފައެވެ. ދެން އޮތީ ބޮޑު ޝަރީއަތުގެ ހުކުމެވެ. މުޅި ގައުމު އިންތިޒާރު ކުރަނީ އެ ވަގުތަށެވެ.

ހުކުރު ދުވަހު މެންދުރު ފަހު ޝަރީއަތް ފަށަން ކުޑަތަންވެފައިވަނިކޮށް ސުޕްރީމް ކޯޓުން ކަރަންޓް ކެނޑި ގިނަ ބަޔަކަށް ކުއްލި ހައިރާން ކަމެއް ލިބިގެންދިޔައެވެ. ކަރަންޓު ދިޔުމާ ގުޅިގެން ޝަރީއަތް ފެށުން ގަޑިއެއްހާއިރަށް ލަސް ވެގެންދިޔައެވެ. 

ޝަރީއަތް ފަށަން އޮތީ ހުކުރު ދުވަހުގެ މެންދުރު ފަހު ތިނެއް ޖެހިއިރުއެވެ. އެކަމަކު ޝަރީއަތް ފެށުނީ، ހަތަރެއް ޖަހަން ވެފައިވަނިކޮށެވެ. ޝަރީއަތް ނިމުނީ ހުކުރު ދުވަހަގެ ރޭ 11:30 ވާން ކައިރިވެފައިވަނިކޮށެވެ. މައްސަލަ ނިންމަމުން އުއްތަމަ ފަނޑިޔާރުވަނީ އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަން އިއުލާން ކުރައްވާފައެވެ.

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ސާބިތު ދަރަންޏަކަށްވެ ސިހުމެއް 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާއެއް އޮތުމުން ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ އެމަނިކުފާނުގެ ގާނޫނީ ޝަރުތާ މެދު އިތުރު މައްސަލައެއް ފެންމަތީކަން އާއްމުވީ ކުއްލިއަކަށް މިއަދުގެ ޝަރީއަތުގައެވެ. މީގެ ކުރިން އެ ފަސް މިލިއަން ޑޮލަރާ ގުޅޭ ސާބިތު ދަރަންޏެއްގެ ވާހަކަ މީޑިއާއަކަށް އެގޮތަށް އާއްމެއް ނުވެއެވެ.

އެކަމާ ގުޅިގެން ޝަރީއަތުގައި ޔާމީން ވިދާޅުވީ ޖޫރިމަނާ ދައްކަން ކޯޓުން ދިން މުއްދަތު ހަމަނުވާ ކަމަށާއި އަދި ޖޫރިމަނާ ދައްކަން މީރާއިން ވެސް އެމަނިކުފާނަށް އަންގާފައިނުވާ ކަމަށެވެ. އެކަމަކު މީރާގެ ނޯޓިސް ފޮނުވާފައިވާކަމަށް ބަންޑާރަ ނާއިބުގެ ފަރާތުން ޝަރީއަތް ނިމުމުގެ ކުރިން ބުންޏެވެ. އެކަމަކު ޔާމީން ތަކުރާރުކޮށް ވިދާޅުވީ އެ ނޯޓިސް ޔާމީނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ޔާމީނަށް ކުރިމަތި ލެވެންޏާ ހުރިހާ ކުށްވެރިންވެސް މަގާމްތަކަށް ކުރިމަތިލެވޭނެ

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު އަސާސީ މާނަކޮށްފި ނަމަ ބޮޑެތި ކުށްވެރިން ދައުލަތުގެ އިސް މަގާމުތައް އަދާކުރަން ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ސުޕްރީމް ކޯޓުގައި ބުނެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ހުކުމް ނިހާއީ ނުވާ ނަމަ ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އަސާސީ މާނަ ކޮށްފި ނަމަ ރައީސްގެ މަގާމާއި ދައުލަތުގެ އެހެން މަގާމުތަކުގައި ބޮޑެތި ކުށްވެރިން ތިބުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

"ޖިނާއީ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އިންތިހާބު ވެވޭނެ ނުވަތަ އާދެވޭނެ ގޮތަށް މާނަ ކުރެވޭނީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގައި ތިބެދާނެ ޖިނާއީ ކުށްތައް ސާބިތުވެފައި މީހުން. ޓެރަރިޒަމް ކުށެއް ސާބިތުވެފައި ތިބޭ ބަޔަކު ވެސް ތިބެދާނެ." މަހްފޫޒް ވިދާޅުވި އެވެ.

އިސްތިއުނާފް ނުނިމެނީ އަޅުގަނޑުގެ ކުށަކުން ނޫން: ޔާމީން

ޖަލު ހުކުމާއި ޖޫރިމަނާގެ އިސްތިއުނާފް މަރުހަލާ ނުނިމި އޮތުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ރައީސް ޔާމީންވަނީ ސުޕްރީމް ކޯޓުގައި ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ޖޫރިމަނާގެ ހުކުމާއި ޖަލު ހުކުމް ހުކުމް ފަސްކުރަން ހައި ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެކަމަކު އެ ހުރިހާ ކަމެއް ދިމާވީ އިސްތިއުނާފް މައްސަލަ ނުނިމި ލަސްވުމުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު މި އުޅެނީ މުޅި މައްސަލަ އިސްތިއުނާފް ކޮށްގެން. އިސްތިއުނާފް ނުނިމުމުމަކީ އަޅުގަނޑުގެ ކުށެއް ނޫން." ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑީޑޭޓަކަށް ފުރުސަތު ދިނުމަށް އެދުން

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ބޭނުންވާ ކަމަށާއި އެހެންވެ އެ ފުރުސަތު ގެއްލުނަ ނުދޭ ފަދަ ގޮތަކަށް ކޯޓުން އަމުރުކޮށްދިނުމަށް ޕީޕީއެމްއިން ސުޕްރީމް ކޯޓުގައިވަނީ އެދިފައެވެ. 

މައްސަލައަށް ތަދައްހުލުވި ޕީޕީއެމްގެ ވަކީލް ހުސްނީ މުބާރަކު ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށާއި އިންތިހާބުގައި އެ ޕާޓީ ވާދަކުރަން ބޭނުންވާ ކަމަށެވެ. 

މައްސަލާގައި ޕީޕީއެމްއިން އެދިފައިވަނީ ޔާމީނަކީ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެގޮތަށް ކަނޑައެޅެން ނެތް ނަމަ، ވަކީލް ހުސްނީ ވިދާޅުވީ، އިންތިހާބުގައި ވާދަކުރަން ޕީޕީއެމްއަށް އިތުރު ފުރުސަތެއް ދިނުމަށް އަމުރުކޮށްދިނުމަށް އެދޭ ކަމަށެވެ. އެހެން ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ދެއްވުމަށް ޔާމީންގެ ފަރާތުން ވެސް އެދިފައިވެ އެވެ.

ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް

ފަނޑިޔާރު އަޒުމިރަލްދާ ހޫނު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ. ޝަރުތު ބަޔާންކުރާ މާއްދާގައި "ނިހާއީ" ގެ ލަފުޒު ނެތި އަދި ހަމައެކަނި "ހުކުމު" އޮވެފައި، އެއީ ނިހާއީ ހުކުމް ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ޑިމޮކްރެޓިކް ގައުމެއް އޮތްތޯ ސުވާލުކުރެއްވި އެވެ. އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ހުކުމުގެ ޝަރުތަކީ ނިހާއީ ހުކުމެއް ކަމަށް ޔާމީނާއި ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރައްވާއިރު އެ މާއްދާގައި ސާފުކޮށް އެހެން ނުލިޔެ އޮތީ ކީއްވެގެންތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ.

ހުކުމް ތަންފީޒު ކުރަމުން މަގާމަށް އިންތިހާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ ރައީސަށް އެ ބޭފުޅަކު ވާނީ، އެހެންވެއްޖެއާ ހުރިހާ ރައްޔިތުންގެ ހައްގެއް އެއީ އެ ރައީސަކު ގައުމު ހިންގުމަކީ، ކޮބާތޯ؟ ފަނޑިޔާރު ޝުޖޫން ސުވާލު ކުރެއްވިއެވެ.

އަޑު އެހުންތައް ނިމުނީ، ދިރާސާ ކުރުމަށް ފަހު ދެން އޮތީ ހުކުމް 

މައްސަލައިގައި ހިމެނޭ އީސީއާއި، ޔާމީނުގެ އިތުރުން މައްސަލައަށް ތަދައްހުލުކުރި އޭޖީ އޮފީހާއި ތަދައްހުލުވާން އެދުމުން އެ ފުރުސަތު ދިން ޕީޕީއެމަށް ނުކުތާތަކާއި ރައްދުތައް ދިނުމަށް ފުރުސަތު ދީ ނިންމާލާފައިވެ އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބެއްލެވި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށް، ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިއުލާންކުރެއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް