
މި މައްސަލައިގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ދެން ބާއްވާނީ ގޮތެއް ނިންމުމުގެ އަޑުއެހުމެކެވެ.
ހުކުރު ދުވަހު ސުޕްރީމް ކޯޓުގައި ފެށި އަޑުއެހުމުގެ ތެެރެއަށް ޕީޕީއެމުން ވަނީ ތަދައްހުލްވެފައެވެ.
ސުޕްރީމް ކޯޓުގައި އެޕާޓީން ބުނަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމިން އަށް ފުރުސަތު ނުލިބިއްޖެނަމަ އެ ޕާޓީން އިތުރު ކެނޑިޑޭޓު ނެެރެން ފުރުސަތު ދިނުމަށް އެދޭކަމަށެވެ. ރައީސް ޔާމިންގެ ފަރާތުން ވެސް ވަނީ ހަމަ މި ހުށަހެޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ޕީޕީއެމުން ބުނަނީ ޑރ. މުއިއްޒު އަކީ ޕްލޭން ސީ ކަމަށް:
ސުޕްރީމް ކޯޓު ދޮށުގައި ރައީސް ޔާމިންގެ ސަޕޯޓަރުން ދިޔައީ ހުކުރު ދުވަހު އަޑުގަދަކޮށް އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލަމުންނެވެ. އެއްވި މީހުންގެ ތެރޭގައި ޑރ. މުހައްމަދު ވަހީދު އިތުރުން ޕީޕީއެންގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެވަގުތު ޝިޔާމް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ޕްލޭން އޭ، ޕްލޭން ބީ އަދި ޕްލޭން ސީ ވެސް ހެއްދެވީ ރައީސް ޔާމީނު ކަމަށާއި، އެމަނިކުފާނު އެގޮތަށް ނިންމެވީ، ޕީޕީއެމް ޕީއެންސީގެ މެމްބަރުންގެ ހައްގުތައް ހިމާޔަތްކުރައްވައި، އެ މެމްބަރުންނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބަސްބުނެވޭނެ ގޮތް ހެއްދެވުމަށް ކަމަށެވެ.
އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރެއްވުން:
ޝިޔާމް މިހެން ވިދާޅުވެފައި ވަނިކޮށް ޑރ މުހައްމަދު ވަހީދު މިއަދު ވަނީ ފުލުސް އޮފީހަށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅުއްވާފައެވެ.
މިހެންކުން ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރުމުން ޑރ. ވަހީދަކީ ޕީޕީއެމްގެ ޕްލޭން ބީ ކަމަށް ދެކެވޭ ވާހަކައަށް މިވަނީ އިތުރު ބާރެއް ވެސް ލިބިފައެވެ.
ޑރ. މުއިއްޒު ހުންނެވީ 'ބެކަޕްގަ':
ޕީއެންސީގެ ތެރެއިން ރިޔާސީ ކެނޑިޑޭޓަކު ނެރުނީ ރައީސް އަބްދުﷲ ޔާމިންގެ އެދިލެއްވުމަކަށެވެ. ނަމަވެސް، އެންމެ ފަހުވަގުތުގައި ޕީޕީއެމް ދޫކުރައްވައި ޑރ. މުއިއްޒު ޕީއެންސީއާއި ގުޅިވަޑައިގެން އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވިއެވެ.
ޑރ. މުއިއްޒު އަދި ރައީސް ޔާމީން: ފޮޓޯ ސަން
އޭގެ ދުވަސްކޮޅެއް ކުރިން ޑރ މުއިއްޒު ވަނީ އެމަނިކުފާނު ރައީސް އަބްދުﷲ ޔާމިންއަށް ތާއީދުކުރައްވާން ޔަގީންކަން އެރުވުމުގެ ގޮތުން ޕްރެސް ކޮންފަރެންސްއެއް ވެސް ބާއްވަވާފައެވެ.
މިއަދު ވެސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ބެކަޕް ކެނޑިޑޭޓަކީ އޭނާ ކަމަށެވެ.
"އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން،" މުއިއްޒު މިއަދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަން ވެސް ބައިބައި ވަނީ ބާ؟
އެމްޑީޕީގެ ޕްރައިމަރީއަށްފަހު އެ ޕާޓީގެ ތެރެއިން ވެސް ބައިބައިވެ އިތުރު ޕާޓީއެއް އުފެދިފައިވާއިރު، އިދިކޮޅު ކޯލިޝަނުގެ ކެނޑިޑޭޓަކީ ކޮބައިކަމާމެދު ސުވާލު އުފެދި، އެ ކޯލިޝަނުގެ ތެރޭގައިވެސް ބައިބައިވުން އުފެދުމަކީ އެކަށީގެންވާކަމެކެވެ.
މި ހުރިހާ ސުވާލެއްގެ ޖަވާބު މިމަހު 7 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށް ބެލެވެއެވެ. ސަބަބަކީ ރިޔާސީ އިންތިހާބަށް ކެނޑިޑަސީ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ހަމަވާނީ އެ ދުވަހަށް ކަމަށްވާތީއެވެ.