މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު ތިނެއްގެ ފަހުން ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް ސައުވީސް ގަޑިއިރު ތެރޭ އެކިހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، އަދި ގުގުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައިވާއިރު، ކެރިގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އުނދައިގެ ސަބަބުން އިއްޔެ ބްރިޖްގެ ހުޅުލެ ލައިޓްކައިރިން ހައިވޭއަށް ވަރަށް ބޮޑަށް ވަނީ ރާޅު އަރާފައިވެއެވެ. އަދި ރާޅުގަނޑު ސަރަހައްދާއި، ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗް ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ރާޅުއަރާފައިވެއެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދައިގެ އަސަރުކުރާނެ ކަމަށާއި، ބޮޑަށް އުދައިގެ އަސަރުކުރާނީ މެދުރާއްޖެތެރެއާއި، ދެކުނަށް ކަމަށް މެޓު އޮފީހުން ބުނެފައެވެ.
އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ މެންދުރުފަހުން 15:00ން 17:30 ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.
މާލެ އާއި އެކި ސަރަހައްދަށް އުނދައުގެ އަސަރު ކުރަމުންދާތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން (އެންޑީއެމްއޭ) އިން ވެސް ވަނީ ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ގެއަށް ފެން ނުވަންނާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ގޭތެރޭގައި ފެން ބޮޑުވެއްޖެ ނަމަ، ގެއްލުންވެދާނެ މުދާތައް އުސްތަނަކަށް ބަދަލުކުރުމަށާއި، ބަނދަރު ކައިރީ އެއްގަމު އުޅަނދު ޕާކުނުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.
އޭގެ އިތުރުން ބަނދަރުގައި އަޅާފައިވާ ދޯނިތަކުގެ ވާކަނޑައިގެން ނުދާނެ ގޮތަށް އެއްސުމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބްރިޖުން ދަތުރުކުރާ މީހުން ސަމާލުވުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.
ސިއްހީ މައްސަލަތަކުން ސަލާމަތްވުމުގެ ގޮތުން އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި ތަކާއި އެހެނިހެން ކަންތައްތަކުން ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.