ads
ކުރީގެ ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އާއި އެޕާޓީގެ ނައިބް ރައީސް އަބުދުއްރަހީމް
ހަގީގަތުގައިވެސް ރައީސް ޔާމީނު މާޒީވީ ހެއްޔެވެ؟
އެންމެ ބޮޑު އަނިޔާ އަކީ އަނިޔާވެރިޔާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ އަނިޔާއޭ ބުނެ އެވެ. އެބީދައިން ދެކޭނަމަ އެންމެ ބޮޑު ދޮގަކީ، ދޮގުވެރިޔާ އޭނާގެ އަމިއްލަ ނަފްސަށް ހަދާ ދޮގުކަމުގައި ނުބުނާންވީ ސަބަބެއް ވެސް ނެތެވެ.
Advertisement

ލީޑަރުންނަށް ސިޔާސީ ބޮޑުކަމާ، ހައިސިއްޔަތާ މޮޅު ހޯދައިދޭ ބަޔަކީ އެމީހުންނަށް ތާއީދު ކުރާ އާދައިގެ ރައްޔިތުންނެވެ. ސިޔާސީ ޕާޓީ އެއްނަމަ އެޕާޓީގެ ޢާންމު މެމްބަރުން ނެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނޭ، އެމަނިކުފާނުގެ ނަންފުޅު  ވޯޓް ކަރުދާހުގައި އޮންނާނެޔޭ ބުނެ ފަހު ސިކުންތާ ހަމައަށް ޕީޕީއެމްގެ ލީޑަރޝިޕުން އެޕާޓީގެ ޢާންމު  މެމްބަރުން ގަނަތަޅުވާ، ޅޮސް އުނދޯލީގައި ހެއްލާ އެކަމުގައި ހައްލަމުން ދިޔަގޮތް ހިތަށް އާދެ އެވެ. 

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހުގައިވެސް ރައީސް ޔާމީން ބޭނުން ފުޅުވީ އިންތިޚާބް ބޮއިކޮޓް ކޮށް، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ހައިބަތާ އެކު އިދިކޮޅު ލީޑަރގެ ގޮތުގައި އެމަނިކުފާނު ޖަލުގައި އޮންނެވުން  ވެސް ޕީޕީއެމްގެ މުސްތަގްބަލަށް މާފައިދާ ބޮޑުވާނެ ކަމުގަ އެވެ. ހަގީގަތަކީ ވެސް އެއީ އެވެ. އިދިކޮޅު ލީޑަރގެ ގޮތުގައި ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ ސަރުކާރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. 

ނަމަވެސް ރައީސް ޔާމީނުގެ ރިހޭ ފައިންޕުޅުގެ މައްޗަށް ޕީޕީއެމްގެ ލީޑަރޝިޕުން މިއަދު އެވައްޓާލީ ބަރުހަރު ފޮއެކެވެ. 

މެންދުރުކުރިން އެމަނިކުފާނާ ދެކޮޅަށް އައީ ސުޕްރީމް ކޯޓްގެ ޙުކުމެވެ. މެންދުރު ފަހު އެމަނިކުފާނާ ދެކޮޅަށް އެއައީ ޕީޕީއެމްގެ ސެނެޓްގެ ނިންމުމެވެ. 

މާފުށީ ޖަލުގެ ހިމޭން އަނދިރީގެ ތެރޭގައި ރައީސް ޔާމީން ދެން އޮންނަވާނީ ކުރިއާ ޚިލާފް މާބޮޑު ނިކަމެތި އެކަނިވެރި ކަމެއްގަ އެވެ. މީގެ ފަހުން ރައީސް ޔާމީނަކީ ސުޕްރީމް ކޯޓުން ނާކާމިޔާބްވި ކުރީގެ ރައީސެވެ. މިއަދަށް ފަހު އެމަނިކުފާނަކީ އަމިއްލަފުޅު ޕާޓީގެ ސެނެޓުން ރިޖެކްޓްކުރެވިފައިވާ ގައިދީއެއް އިއްވި ފައިވާ ހުކުމުގެ މުއްދަތަކީ 11 އަހަރެވެ. 

އުމުރުފުޅުން 65 ގިރާ ކުރައްވަން ކައިރި ވެފައިވާއިރު، ހުކުމް ނިމޭއިރު ރައީސް ޔާމީންގެ އުމުރުގެ އުމުރުފުޅުން 75 ހުރަސް ކުރާނެ އެވެ. އެއްބަޔަކަށް މިއީ ޑިކްޓޭޓަރެއްގެ ނިމުން ކަމުގައިވާއިރު އަނެއް ބަޔަކަށް އެއީ ތަރިއެއްގެ އޮއްސުމެވެ. 

މާކުރިން ރައީސް ޔާމީނު އިންޒާރު ދެއްވި މިނިކާ ބާޒު ތަކުން ޕީޕީއެމް ނޮޅަން ފަށާނަމަ އޭގެ ފެށުމަކީ މިއަދުގެ ސެނެޓް ނިންމުމެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޕާޓީގެ ސެނެޓުގައި ރައީސް ޔާމީން  އެދިވަޑައިގަތީ ޕީޕީއެމުން އިންތިޚާބް ބޮއިކޮޓް ކުރުމަށެވެ. އެއާ ވިދިގެން ރައީސް ނަޝީދު ޕީޕީއެމްގައި އެދި ވަޑައިގަތީ ރައީސް ޔާމީން އެދި ވަޑައިގަތް ގޮތަށް ޕީޕީއެމުން ޢަމަލު ނުކުރުމަށެވެ.

ކަންވެ ނިމުނު އިރު ޕީޕީއެމްގެ ސެނެޓުން ރައީސް ނަޝީދުގެ އެދިވަޑައިގަތުމާ އެއްގޮތަށް ކަންނިންމީ ރައީސް ޔާމީން ވިދާޅުވިގޮތުގައި ކޮޅުފައިން ޖެހުމަށްފަހުގަ އެވެ.

ރައީސް މައުމޫނަށްފަހު ރައީސް ނަޝީދު މާޒީވި ފަދައިން، ޕީޕީއެމްގެ ސެނެޓުން މިއަދު އެނިންމި ނިންމުމާ އެކު ރައީސް ޔާމީނުވެސް ދެންވާނީ މާޒީ ކަމުގައި ގަބޫލު ކުރެވެ އެވެ. 

މިވަގުތު ޕީޕީއެމްގެ ތެރޭގައި އުފެދޭ މިނިކާބާޒުތަކުގެ ހަލަބޮލި ކަމުގެ ތެރެއިން ރަނގަޅު ލީޑަރު ފެނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް އެމްޑީޕީގައި އޮތް ޒަމާންވީ މައްސަލަތަކާ ދުރަށް އެޕާޓީ ދިޔަ ގޮތަށް، ޕީޕީއެމްގެ މައްސަލަ ތަކުން އަރައިގަނެ ޕާޓީ ސާފުވުމަށް މި ފެށުމަކީ ރަނގަޅު އާފެށުމަކަށް ވެދާނެ އެވެ.

މިވަގުތު ޕީޕީއެމް މެމްބަރުން އިތުބާރު ކުރަންޖެހޭ ލީޑަރު ދެނެގަތުމަކީ އަވަސް އަރުވާލައިގެން ކުރުން ބުއްދިވެރި ކަމެއް ނޫނެވެ.

ފާހަގަ ކުރެވޭ އެހެން ބޮޑުކަމެއް އެބަވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުން ރައީސް ޔާމީން ނާކާމިޔާބުވެ ވަޑައިގަތްތާ އިރު ކޮޅެއް ނުވަނީސް ރައީސް ޔާމީނު ދޫކޮށް ރައީސް ނަޝީދު ވިދާޅުވި ގޮތަށް ޕީޕީއެމުން ނިންމި ނިންމުމާ މީގެ ކުރިން ރައީސް ނަޝީދަށް މިފަދަ ބޮޑު ކަމެއް ދިމާވާ ވަގުތު އެމްޑީޕީން ކަންކުރާ ގޮތުގައި ހުރި ބޮޑު ތަފާތު މިއަދު ފެނިގެން ހިނގައްޖެ އެވެ. 

ހައްޔަރަކުން ކޯޓު އަމުރަކުން ނުވަތަ ޙުކުމަކުން ރައީސް ނަޝީދަށް ދެރައެއް ލިބުނު ކޮންމެ ވަގުތެއްގައި އެމްޑީޕީގެ ގައުމީ މަޖިލިހާ ކޮންގްރެހާ އެޕާޓީގެ ހުރިހާ މެމްބަރުން އަބަދު ވެސް އަރަނީ ރައީސް ނަޝީދާ އެއް ކޮޅަށެވެ.

ޕީޕީއެމުން ރައީސް ޔާމީނަށް އެންމެ ބޮޑު އެއްބާރުލުން ބޭނުންވި ވަގުތު ޕާޓީގެ ސެނެޓުން ރައީސް ޔާމީން އެކަހެރި ކޮށްނިކަމެތި ކޮށް ރައީސް ނަޝީދުގެ މަޝްވަރާގައި ހިފުމަކީ ދުވަހަކުވެސް އެމްޑީޕީ އިން ފެނިފައި ނުވާ އާބާވަތެއްގެ އަޚްލާޤެެއްކަން ޔަގީނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް