ads
އީސީގެ ނައިބްރައީސް އިސްމާއީލް ހަބީބް..
ކެންޑިޑެސީ ފޯމް އަވަހަށް ހުށަހެޅުމަށް އީސީން އިލްތިމާސްކޮށްފި
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިިއަދު ހަމަވާއިރު، ކެންޑިޑެސީ ފޯމު އަވަހަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ މެންދުރު 2:00 އަށް ހަމަވާނެއެވެ.

އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

މީގެތެރެއިން، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައި، އެ އެޕްލިކޭޝަންގެ ޖަވާބު އީސީން ވަނީ ދީފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހު ވަގުތަށް މަޑުކޮށްގެން އެޕްލިކޭޝަންގައި މައްސަލައެއް އުޅޭނަމަ އެކަމެއް ރަނގަޅު ކޮށް އަލުން ހުށަހަޅާނެ ވަގުތު ނޯންނާނެ ކަމަށެވެ.

"އެންމެ ފަހު ވަގުތަށް މަޑުކުރައްވައިފިނަމަ، އެޕްލިކޭޝަން ފުރިހަމަ ނުވާ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، މާދަމާގެ 14:00 ގެ ފަހުން، އިތުރު އެއްވެސް އެއްޗެއް އީސީ އަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ، ވަގުތު އޮއްވައި އެޕްލިކޭޝަންތައް ހުށަހެޅުއްވުން އެދެން،" - ހަބީބް -

އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެވުނުތޯ ޗެކް ލިސްޓާ އަޅާ ކިޔަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް އަދި ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ.

މީގެއިތުރުން، ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ރޭހަށް ނެރެން ވަނީ ނިންމައިފައެވެ. 

ނަމަވެސް، ޔާމީންގެ ކެންޑިޑެސީ އީސީން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން  ނިންމުމުން، އިންތިހާބު ބޮއިކޮޓު ކުރަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް