ads
މަތިކޮމަންޑޫ: އެމްޓީސީސީން މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމާފައިވަނީ 10 ދުވަހުގެ ތެރޭގައި - ފޮޓޯ:އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީން 10 ދުވަހުގެ ތެރޭގައި މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމާލައިފި
އަމަލީ މަސައްކަތްފެށިތާ 10 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ށ. މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމާލައިފިއެވެ.
Advertisement

އާދީއްތަ ދުވަހުގެ ރޭ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަތިކޮމަންޑޫގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި ހޯމަ ދުވަހު އއ. އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެމްޓީސީސީން މަތިކޮމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އެ ކުންފުނިން ޗާޓަރުކޮށްގެން ގެނައި ބެލްޖިއަމްގެ ކުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ "ފިލިޕޯ ބްރުނެލެޝީ" އިން މިދިޔަ މަހުގެ 28 ދުވަހުއެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުންނެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އޭގެ އިތުރުން 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 249.90 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ.

ކޮމަންޑޫ އާއި މަތިކޮމަންޑޫގައި ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވަނީ އަންނަ އޮގަސްޓް މަސް ނިމޭއިރަށް މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް ނިންމުމަށް އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.

މަތިކޮމަންޑޫ ހިއްކައި ކޮމަންޑޫ އާ ގުޅާލުމުގެ މަސައްކަތަކީ ކޮމަންޑޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ދެ ކޮމަންޑޫ ގުޅާލުމަށް ހަދާ ބްރިޖުގެ މަސައްކަތް މި މަހު ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް