އިނގިރޭސިވިލާތުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ގަދަ 16 ގެ މެޗުގައި ނައިޖީރިއާގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިންގްލެންޑުން ކުއާޓާ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީގައި 4-2 ން ނައިޖީރިއާ ބަލިކޮށްގެންނެވެ.
މުބާރާތުގެ ކޯ ހޯސްޓް އޮސްޓްރޭލިއާއިން ގަދަ 16 ގެ މެޗުގައި ވާދަކުރީ ޑެންމާކާއެވެ. މި މެޗު އޮސްޓްރޭލިއާއިން ކާމިޔާބުކުރީ 2-0 ންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލީޑު ނަގައިދިނީ ކޭޓްލިން ފޫޑްއެވެ. މިއީ ފައުލާ ދިން ބޯޅައެއް ކީޕަރުގެ ދެފައި ދެގޯޅިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ހާފުގައި އޮސްޓްރޭލިއާގެ ފަހު ލަނޑު އެޓީމަށް ޖަހައިދިނީ ރާސޯއެވެ.
މިހާތަނަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ އިންގްލެންޑާއި އޮސްޓްރޭލިއާގެ އިތުރުން ސްޕެއިން، ނެދަލެންޑްސް، ޖަޕާން އަދި ސްވިޑެންއެވެ.
އޮސްޓްރޭލިއާއިން ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހޭނީ ފްރާންސާއި މޮރޯކޯ ބައްދަލުކުރާ ގަދަ 16 ގެ މެޗުން މޮޅުވާ ޓީމަކާއެވެ. އިނގިރޭސިވިލާތުން ކުރިމަތިލާން ޖެހޭނީ ކޮލަމްބިއާ އާއި ޖަމައިކާ މެޗު ކާމިޔާބުކުރާ ޓީމަކާއެވެ.