ޑރ. ވަހީދު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގައެވެ. އެޕާޓީން ވަނީ ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާންވެސް ކޮށްފަ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރައްވަން ނިންމާފައިވާކަމަށް މީޑިއާތަކުގައި ހޯމަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.
އެކަން ދޮގު ކުރައްވައި ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރަން އަދި ނުނިންމަވާ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ރައީސް ވަހީދު ނިންމަވާ ގޮތެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމާއި ހޯމަ ދުވަހު ބައްދަލު ކުރައްވައިފައެވެ. ރައީސް ވަހީދުގެ ގެކޮޅުގައި އޮތް ބައްދަލު ކުރެއްވުމުގައި ގާސިމަށް ތާއީދު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.