ads
ނަޝީދު ޔާމީން އަދި ޖަމީލު - ފޮޓޯ: ޕީޕަލްސް މެގަޒިން
ކީހާ ޅެމެއް ފަރިއްސަވެ ނިމުނީތޯއެވެ..؟
"ރާއްޖެ ބަނގުރޫޓް ކޮށްފަ، ފަނޑިޔާރުގެތައް ކޮރަޕްޝަންގެ އައްޑާތަކަކަށް ބަދަލުވީ ރައީސް ޔާމީނުގެ އިރުޝާދާއި ލަފައާއި، އެންގުމާއި، ބައިވެރިވުމުގެ ތެރެއިންކަން ދިވެހިން ވަރަށް ރަނގަޅަށް ދަނޭ. ޕީޕީއެމްގެ ވެރިކަމުގަ ކަންވީގޮތް ރައްޔިތުންނަށް މާބޮޑަށް މާބޮޑަށްވެސް އިނގޭ". މިއީ 27 އޮކްޓޯބަރު 2020 ވަނަދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެކެވެ.
Advertisement

އެހެންނަމަވެސް މިއަދު މަންޒަރު މަންޒަރު ބަދަލުވެއްޖެއެވެ. ކޯޓުތައް ކޮރަޕްޝަނުގެ އައްޑާއަކަށް ބަދަލުކުރެއްވިކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި ބޭފުޅާގެ ދިފާއުގަ ނިކުންނަމަވަމުން ވިދާޅުވީ، ރައީސް ޔާމީނު ޖަލުގައި ބެހެއްޓެވުމަކީ އިންސާފެއް ނޫންކަމަށާއި، ރައީސް ޔާމީނު ހަމަ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމުގައި އެވެ. އަދި އެކަމަށްޓަކައި އިހުތިޖާޖު ވެސް ކުރައްވާނެކަމަށާއި، ބައިނަލްއަގުވާމީ ފަރާތްތަކާވެސް ވާހަކަ ދައްކަވާ، ބައިނަލްއަގުވާމީ ވަކީލުން ވެސް ރާއްޖެ ގެންނަވާނެކަމަށް ވެސް ވިދާޅުވެއްޖެ އެވެ.

މިވާހަކަތަކާއެކު، ހިތަށް އަރަނީ ކީހާ ޅެމެއް ފަރިއްސަވެ ނިމުނީތޯ އެވެ. ރައީސް ޔާމީނު ކުރެއްވިކަމަށް ތުހުމަތުކުރެއްވި އެއްވެސް ކަމެއް ހަމަ ނުކުރައްވާ ކަމަށްވީތޯއެވެ. އެހެންކަމަށްވާނަމަ، ރައީސް މައުމޫނާއި، ގާސިމް އިބްރާހީމާއި، އަލީ ޒާހިރު އާއިއެކު 28 ޖެނުއަރީ 2018 ގައި ސުޕްރީމް ކޯޓަށް، ރައީސް ޔާމީނުގެ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަ ބައްލަވާދެއްވުމަށް އެދި މައްސަލަ ހުށަހެޅުއްވީ ކީއްވެތޯއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނު ވައްކަން ކުރެއްވި ވާހަކަ އާއި، ފައިސާދީގެން އެހެން މުއައްސަސާތަކަށް ނުފޫޒު ފޯރުވި ވާހަކައާއި، ބާރުގެ ބޭނުން ކުރައްވައިގެން ސިޔާސީ ލީޑަރުން އަދި ރައީސް ޔާމީނާއި އިދިކޮޅު ޚިޔާލު ހުންނަ ހުރިހާ ބޭފުޅުން ހައްޔަރު ކުރައްވާ ކަމަށް ބުނެ، ބޭރުގެ އެކި މީޑިއާތަކަށް ދެއްވި އިންޓަވިއު ތަކުގަ ވެސް އެއްވެސް ބުރަދަނެއް ނެތީ ތޯއެވެ.

ރައީސް ނަޝީދުވެސް އެ ޑޮކިއުމެންޓްރީ އެއް ޕްރޮމޯޓް ކުރެއްވެވި، މަޝްހޫރު ޓީވީ ޗެނަލް އަލްޖަޒީރާ އިން ދެއްކި "ސްޓީލިންގް ޕެރެޑައިސް" ވެސް މިހާރު އެއީ ތޯތޯ ވާހަކައަކަށް ބަދަލުވީތޯއެވެ. އަލްޖަޒީރާ ޗެނަލަށް މަނިކުފާނު ދެއްވި އިންޓަވިއުގައި ރާއްޖޭގެ ޝަރުއީ ކޯޓުތަކަކީ މުޅި ގައުމުގައިވެސް އޮތް އެއްމެ ކޮރަޕްޓް މުއައްސަސާތައް ކަމަށާއި، އެތަން ކޮރަޕްޓް ކުރެއްވެވީ ރައީސް ޔާމީނުކަމަށްވެސް ވިދާޅުވީމެއް ނޫންތޯއެވެ. އަދި ކޯޓުތަކުގެ ފަނޑިޔާރުން ކުރެއްވެވި ހުރިހާ ހުކުމްތަކަކީ ރައީސް ޔާމީނު ބޭނުންފުޅުވާގޮތަށް އެމަނިކުފާނު އަންގަވައިގެން ކުރައްވާ ހުކުމްތަކެއް ކަމަށްވެސް ވިދާޅުވީމެއް ނޫންތޯއެވެ.

ސްޓީލިންގް ޕެރެޑައިސް ޑޮކިއުމެންޓްރީގައި ވާގޮތުން އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރު މެމްބަރުންގެ ބައިވެރިވުމާއެކު، ސައުތު އޭޝިއަން ނޭޝަންސް ސެންޓްރަލް ބޭންކް މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރު ލޯންޑަރ ކުރައްވަން މަސައްކަތް ކުރިވާހަކަ ހިއްސާކޮށްފައިވެއެވެ. އެއީ ސިންގަޕޫރު، މެލޭޝިއާ އަދި އިންޑޮނީޝިއާގެ ވިޔަފާރިވެރިންތަކެއް މެދުވެރިކޮށް ކުރައްވަން އުޅުނު ކަމެއް ކަމަށާއި، އެފައިސާ ރާއްޖެއަށް އެތެރެކުރާނީ ފަހަރަކު 100 މިލިއަން ޑޮލަރުގެ މަގުންކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތައް ރިސޯޓު ހެދުމަށްޓަކައި ކުއްޔަށް ދީގެން ސަރުކާރަށް ލިބެންޖެހޭ 80 މިލިއަން ޑޮލަރަށް ޚިޔާނާތްވެފައިވާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

މިވާހަކަތައް ދައްކާ ޕްރޮމޯޓް ކުރީ ހަމައެކަނި މީޑިއާތަކުން އެކަންޏެއް ނޫނެވެ. ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތަކަކުންވެސް މިވާހަކަތައް ދެއްކެވިއެވެ.

އެހެންނަމަވެސް، މިހާރު އުފެދޭ ސުވާލަކީ، އޭރު ދެއްކެވި ހުރިހާ ވާހަކަތަކާއި ކުރެއްވެވި ހުރިހާ ތުހުމަތުތަކަކީ، ހަމަ ރައްޔިތުން ހެއްދުމަށްޓަކައި ދެއްކެވި ހުސްވާހަކަތަކެއް ތޯއެވެ. ނޫނީ ސިޔާސީ މަންފާ ހޯދުމަށް، ނޫނީ ގެއްލުނު ވެރިކަން ހޯދުމަށް ދެއްކެވި ތޯއެވެ.

މި ލިސްޓަށް އަރަނީ ރައީސް ނަޝީދު އެކަންޏެއް ނޫނެވެ. ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ ވާހަކަތައްވެސް ހުރީ ހަމަ މިފަދައިންނެވެ. އެމަނިކުފާނުގެ ހާލުކޮޅު އަދި މިއަށްވުރެ ދެރައެވެ. ކުރިއަށް ހުރިހާ ދުވަހެއް އަދި ހުރިހާ ހަފްތާތަކެއްވެސް ހޭދަ ކުރައްވާނީ ރައީސް ޔާމީނު މިނިވަން ކުރައްވަން ކަމަށް ބުނެ ވައުދުވެޑައިގެންފިއެވެ. އަދި ރައީސް ޔާމީނުގެ ދިފާއުގައި މަގުމައްޗަށް ނިކުންނަންވެސް ގޮވާލެއްވިއެވެ. ރައީސް ޔާމީނު މިނިވަންކޮށްފައި ނޫނީ ގެއަށް ވަދެވަޑައި ނުގަތުމަށްވެސް ގޮވާލެއްވީއެވެ.

2018 ގެ ކުރިއަށް ބަލާލާއިރު، ރައީސުލް ޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމުން ޑރ.ޖަމީލު ވަކިކުރައްވަން ރައީސް ޔާމީނު ނިންމެވި ހިސާބުން ފެށިގެން، އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނަވާ، އެކި ފަހަރު މަތިން ރައީސް ޔާމީނުގެ ސަރުކާރުގައި ހިނގާ ވައްކަމާއި ކޮރަޕްޝަނާއި، ފަސާދައިގެ ވާހަކަތައް ހުއްޓުމެއް ނެތި ދައްކަވަމުން ގެންދެވިއެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރު، ގާނޫނުގެ ތެރެއިން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް ބުނެ، ރައީސް ނަޝީދާއި އެކު ކޯލިޝަންއެއް ހައްދަވައި، ދެބޭފުޅުން އެކު ޕްރެސް ކޮންފަރެންސްތައްވެސް ދެއްވިއެވެ.

"ރިޔާސީ ބަހުސް 2018 ގަ، ރައީސް ޔާމީނު އެކަނި ވާހަކަ ދެއްކެވުުން އެއީ ބަހުސް އެކޭ ނުބުނެ، އެއީ ރައީސް ޔާމީނު، އެމަނިކުފާނުގެ އަނިޔާވެރިކަމާއި، ކުރެއްވެވި ވައްކަމާއި އަދި ހިންގަވާ ކޮރަޕްޝަންގެ ތީސީސްއެކޭ ބުނުން މާ ބުއްދިވެރިވާނެ".

މިއީ 16 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވެވި ޓްވީޓެކެވެ.

އެހެންނަމަވެސް ޑރ. ޖަމީލް ދެއްކެވި ހުރިހާ ވާހަކައެއްވެސް މިހާރު މިވަނީ ހަމަ ފަރިއްސައްވެ ނިމިފައެވެ.

ހުރިހާވެސް ކަމަކީ އަމިއްލަ ބާރާއި، ވެރި ކަމެވެ. ރައީސް ނަޝީދަށް ޔާމީނު ކުރިން ގޯސް ވީ ވެރިކަމަށް ކުރިމަތި ނުލެވޭނެހެން ހުކުމެއް ކުރެއްވީމަކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. އަދި މިހާރު އަނެއްކާ ރައީސް ޔާމީނު މިނިވަން ކުރައްވަން މަސައްކަތް ކުރައްވާނަމޭ އެވިދާޅުވަނީވެސް ރައީސް ޔާމީނުގެ ސަޕޯޓަރުންގެ އެހީގައި އެމަނިކުފާނުގެ ޕާޓީ އަށް ވެރިކަން ހޯއްދެވުމަށެވެ.

ޑރ.ޖަމީލްގެ ވިސްނުންފުޅަކީ ވެސް އެއީ ކަމާއިމެދު ޝައްކެތް ނެންމިވަރަށް ޔަގީނެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައިށް ޔާމީނަށް ފުރުސަތު ލިބިވަޑައިގެންނެވިނަމަ، ރަނިންގްމޭޓަކަށް ކަނޑައެޅުއްވީ ޑރ. ޖަމީލެވެ. އެވަރަކުން ނިމުނީކީ އެއް ނޫނެވެ. ސުޕްރީމް ކޯޓަށް ރައީސް ޔާމީނު ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގަ ވާހަކަ ދައްކަވަމުން، ރައީސް ޔާމީނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަނިކޮށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގެންފިނަމަ، ގައުމު ހިންގާނީ ކާކުތޯ ކުރި ސުވާލުގެ ޖަވާބުގައި އައީވެސް، ރައީސް ޔާމީނު މިނިވަންވަންދެން، ގައުމު ހިންގަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމު އަދާއްކުރައްވާނެ ބޭފުޅެއްގެ ވާހަކައެވެ. އެއީ ރައީސް ޔާމީނު އިންތިޚާބުވެ ވަޑައިގެންނަވާނެ ފުރުސަތެއް ލިބުނުނަމަ، ޑރ. ޖަމީލެވެ.

ހަގީގަތަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހަމަ މިފަދަ ހުރިހާ ބޭފުޅުންވެސް، އަމިއްލަ ފައިދާއަށް ނޫން އެހެން ވިސްނުމެއްގައި މަސައްކަތެއް ނުކުރައްވާ ކަމެވެ. ކީހާ ޅެން ފަރިއްސަށްވާ ސަބަބަކީ އެއީއެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް