ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން ޕީޕީއެމްއާއި ޕީއެންސީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން ރައީސް ވަހީދު އެޕާޓީން ވަކިވެވަޑައިގެންފައިވަނީ މިރޭ އެވެ.
ޓްވިޓަ މެދުވެރިކޮށް މިރޭ ރައީސް ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ޕީޕީއެމާއި މީގެ 10 އަހަރު ކުރިން ގުޅިވަޑައިގެންނެވީ އޭރު އެމަނިކުފާނު ފެއްޓެވި ތަރައްގީގެ މަޝްރޫއުތަކާއި ހަމަޖެހުން ރާއްޖެއަށް ގެނެސްދެއްވުމަށްކަމަށެވެ. ޕީޕީއެމުން މިއަދުވަކިވެވަޑައިގަންނަވާއިރު ގައުމުގެ އިގުތިސާދާއި ޑިމޮކްރަސީ ހަމައަށް އަޅުވަން އިތުރު މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކޮށް ކުރެވުނު ކަންތައްތަކާމެދު ހާސިލު ކުރެވުނު ކަންތައްތަކާމެދު ހިތްހަމަޖެހިވަޑައިގެން ހުންނެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ބަޔާނުގައި ރައީސް ވަހީދު އިތުރަށް ވިދާޅުވެފައިވަނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ޕީޕީއެމްގެ އެޑްވައިޒަރު ކަމުންނާއި މެންބަރުކަމުން މިރޭ އިސްތިއުފާ ދެއްވަނީ އެމަނިކުފާނުގެ ގާބިލުކަމާއި، ތަޖުރިބާއާއި ހިލްމުގެ ބޭނުން ރަނގަޅުގޮތުގައި ދިވެހިންނަށް އެންމެ ރަނގަޅުގޮތެއްގައި ހިފޭނީ އިހުލާސްތެރިކަމާއި، އިންޓެގްރިޓީއާއި ހަމަޖެހުން އޮތް ދިމާލެއްގައި ބޭނުން ކުރެވިގެން ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމުގެ ބަދަލުގައި ރައީސް ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު، ޕީއެންސީގެ ޓިެކޓް ޑރމުއިއްޒު ކާމިޔާބު ކުރެއްވި އިރު ވެސް އިދިކޮޅު ފަރާތްތަކުގެ ތެރޭގައި އޮތް ނުތަނަވަސް ކަމުގެ ތެރެއިން އިދިކޮޅު ކެންޑިޑޭޓަކަށް ރައީސް ވަހީދު ވެވަޑައިގެންފާނެ ކަމަށް ދިޔައީ ބެލެވެމުންނެވެ. ރައީސް ވަހީދުވަނީ އިންތިހާބަށް ކުރިމަތިލެއްވުމަށް ކުށުގެ ރެކޯރޑުވެސް ސާފު ކުރައްވާފައެވެ.
ރައީސް ވަހީދު މިރޭ ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު ދާދި ފަހުން ރައީސް ވަހީދުވަނީ ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަޙީމާ ވެސް ބައްދަލު ކުރައްވާފައެވެ.