އިމްރާން މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ގއ. ވިލިގިލިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ 2004 ވަނަ އަހަރުގެ އޮގަސްޓް 12،13 ގައި ރާއްޖޭގެ ތިބި ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށެވެ. އަދި ސުނާމީ އާއި ދިމާވީ ވެސް އެބޭފުޅުން ޖަލުގައި ތިއްބަވަނިކޮށް ކަމަށެވެ.
އެދުވަސް ފާއިތުވިފަހުން ވެސް، ސިޔާސީ ލީޑަރުން ޖަލަށް ވަންނަން ޖެހުނު ކަމަށާއި، 2008ގައިވެސް ފެނުނީ ހަމަ އެއް މަންޒަރެއް ކަމަށް އިމްރާން ވިދާޅުވިއެވެ. ގާސިމް އިބްރާހިމްއާއި، ރައީސް ޔާމީންވެސް ޖަލަށް ވެއްދުނު ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް މައުމޫނުވެސް ޖަލަށް ގެންދިއުމަށް އޭރު މަސައްކަތް ކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
ދެން އައީ 2018 އިގަވެސް ރާއްޖޭގައި ތިބިއްޔާ ތިބި، ހުރިހާ ލިޑަރުންނެއް ޖަލަށް ދާން ޖެހުނު ކަމަށް އިމްރާން ވިދާޅުވިއެވެ. .
އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގަ އެއްވެސް ލީޑަރަކު ޖަލަށް ނުލާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމިން އޮންނެވީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާ ޖަލުގައެވެ.
ރައީސް ޔާމީން އަކީ 2013 ވަނަ އަހަރުންފެށިގެން 2018 ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސެވެ.
އެމަނިކުފާނުގެ ޕާޓީގެ ރައްޔިތުން ބުނަމުންދަނީ އެމަނުކުފާނަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށާއި، އެއީ އިންސާފުން ކޮށްފައިވާ ހުކުމެއްނޫން ކަމަށެވެ. އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ ކަމަށްވެސް ގިނަބަޔަކު ދަނި ބުނަމުންނެވެ. ނަމަވެސް އެންމެ މަތީ ކޯޓުންވެސް ވަނީ އިންސާފު ލިބޭނެގޮތް ނުވެފައެވެ.
މިކަން މިހެން އޮއްވާ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކުގައި، ދަ ޑިމޮކްރެޓުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލުން ނެރެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމަށާއި، އިދިކޮޅު ކޯލިޝާނައެކު މަގުމައްޗަށް ވެސް ދަ ޑިމޮކްރެޓުން ނުކުންނާނެ ކަމަށެވެ.
ބެލެވޭ ގޮތުގައި އިމްރާނު ރައްދު ދީފައިވަނީ ވެސް ރައީސް ނަޝީދުގެ އެވާހަކަފުޅަށެވެ. 2008 ވަނައަރުންފެށިގެން 2012 ވަނަ އަހަރާއި ހަމަޔަށް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. އިމްރާންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވަނީ ރައީސް ނަޝިދުގެ ވެރިކަމުގައި އެބޭފުޅާ ކުރައްވާފައިވާ ކަންތައްތަކަށެވެ.
ނަޝީދު އެ ޖަލްސާގައި ވިދާޅުވީ މި ސަރުކާރަށް ތާއީދު އޮތް ރަށަކަށް މި ފަހަކުން ނުދެވޭ ކަމަށާއި، ޕީޕީއެމްގެ ގެ ރައީސް އަބްދުﷲ ޔާމިންއާ މެދު ކަންކުރި ގޮތާއި މެދު އެންމެން ވެސް ކަންބޮޑުވާ ކަމަށެވެ.
މަގުމައްޗަށްވެސް ނުކުންނާނެ ކަމަށާއި، ރައީސް ޔާމިން އިރާދަ ކުރެއްވިއްޔާ ޖަލުން ނެރޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަގުވާމީ މުޖުތައުމައުގައިވެސް ރައީސް ޔާމިން މިނިވަން ކުރަން ދަ ޑިމޮކްރެޓުން ގޮވާލާނެކަމަށާއި، ބައިނަލްއަގުވާމީ ލޯޔަރުން ވެސް ރާއްޖެގެނެސް ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ..