މައުލޫމާތު ލިބިފައިވާ ގޮތުގައި ވަހީދު ސަން އައިލެންޑަށް ވަޑައިގަންނަވާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ވަހީދުގެ ދަރިކަލުން ޖެފްރީ ވެސް ވަހީދު އަރިހުގައި ސަން އައިލެންޑަށް ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންނަމަވެސް ޑރ ވަހީދު ފޯނަށް ޖަވާބު ނުދެއްވާތީ މިކަން ޔަގީން ކުރެވޭ ގޮތްވަނީ ނުވެފައެވެ.
ބައެއް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ޑރ ވަހީދުވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ވެސް ނިންމަަވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބަށް ވާދަނުކުރެވޭނެ ހާލަތެއް އަތުވެއްޖެނަމަ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވަހީދު އޮތީ ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމް އިން ނިންމީ ރައީސް ޔާމީނަށް ކުރިމަތިނުލެވުމުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ.މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
ޕީޕީއެމް އިން އިސްތިއުފާ ދެއްވަވާ ވަހީދު އެޕާޓީއަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ވަކި ކެންޑިޑޭޓެއް ނުނެރުމަކީ ޕީޕީއެމް ލީޑަޝިޕުން ވީ ހިޔާނާތެއް ކަމަށެވެ.
ވަހީދު ވިދާޅުވީ ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން 5 އޮގަސްޓްގައި ދެމެހެއްޓުމާއި އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަސް ކަމަށްވާ 7 އޮގަސްޓާ ދެމެދު، ޕީޕީއެމަށް ކެންޑިޑޭޓެއް ނެރެވޭނެ ވަގުތު އޮތް ކަމަށެވެ.