ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. މާމިގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ އަދުލު އިންސާފު ގާއިމް ކުރެވި އިންސާފުގެ ކުރިމަައްޗަށް ގެނައުމުގައި މަދަދުވެރިވާ ފަރާތްތަކީ ސިފައިންނާއި ފުލުހުން ކަމަށާއި، މި ގައުމު ސަލާމަތެރި ކަމާއި، އަމާންކަންމަތީ ދަމަހައްޓާ ނަގަހައްޓަން ތިއްބެވި، ފުލުހުންނާއި ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
އަދުލު އިންސާފު ގާއިމް ކޮށްދިނުމަށް ތިބި ފަނޑިޔާރުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ބޯހިޔާ ވަހިކަން ހޯދައިދޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެ މަނިކުފާނުގެ ވެރިކަމެއްގައި، ކޮންމެ ސިފައިންގެ ބޭފުޅަކު ވެސް އެމީހަކަށް އެކަށީގެންވާ މި ޒަމާނުގެ ފެންވަރަށް ތައްޔާރުކުރެވޭ އެކޮމަޑޭޝަނެއް ފޯރު ކޮށްދޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އެބޭފުޅުންގެ އާއިލާތައް ބިކަވެ ނިކަމެތިވެ، ބޯހިޔާވަހިކަމެއް ނުލިބި އެގޮތް މިގޮތަށް ދަމުންދާ މަންޒަރު އެބަފެނޭ. ސިފައިންނާއި ފުލުހުންގެ ބައެއް އާއިލާތައް މިހާރު ދިރިއުޅޭ ބަންޑާރަކޮށީގެ ބައެއް ތަންތަން އެކި މަރުހަލާތަކަށް ބަހާލައިގެން އެތަނުގައި 15 ބުރީގެ އިމާރާތްތަކެއް އަޅާދޭނަން،"
މިހާރު ވެސް ސިފައިންނާއި ފުލުހުންނަށް ފްލެޓް އަޅާ ވާހަކަ ދެކެވެމުން އަންނަ ކަމަށާއި، ނަމަވެސް އެތަންތަން ހަވާލު ކުރެވޭނެ ދުވަހެއް ނާންނަނެ ކަމަށް ގާސިމް ވިދާޅުވިއެވެ.