
ޗެލްސީގެ ސްޓެމްފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރުވެގެންނެވެ. މެޗު ފެށިގެން ފުރަތަމަ ކޮޅު ލިވަޕޫލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގުމެވެ. ކެޕްޓަން މުހައްމަދު ސަލާހުގެ ލިވަޕޫލަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒްއެވެ.
އޭގެ 10 މިނެޓު ފަހުން ސަލާހްވެސް ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާ ލަނޑު ބަލައިނުގަނެފައެވެ. ޗެލްސީން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. ބެން ޗިލްވެލްގެ އެހީތެރިކަމާއެކު ލަނޑު ޖަހައިދިނީ އަލެކްސް ޑިސާސީއެވެ.
މެޗަށްފަހު ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުގެ ފުރަތަމަ ކޮޅުގައި ލިވަޕޫލުން އެހާ ބޮޑަށް ޕްރެޝާ ކުރުމުން އުނދަގޫވި ކަމަށެވެ.
މި މެޗުގައި ލިވަޕޫލްގެ ކުޅުމާއި މެދު އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ހުރީ ހިތްހަމަޖެހިގެންނެވެ. އޭނާ ބުނީ ލިވަޕޫލުން ޗެލްސީއަށް ޕްރެޝަރު ކުރެވޭނެ އެންމެ ބޮޑަކަށް ޕްރެޝަރު ކުރި ކަމަށެވެ.