އާ ޒުވާނުންގެ ޖީލު ސިޔާސަތު ތައާރަފުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ސޯލިހު ނ. އަތޮޅުގެ ރަށްތަކަށް ހޮނިހިރު ދުވަހު ފެށި ކެމްޕެއިން ދަތުރުގައި ރޭ ނ. ވެލިދޫގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައެވެ.
މިއަދުގެ ލީޑަރުންނަކީ އަދި މާދަމާގެ މުސްތަގުބަލު ފަރުމާކުރާނެ ފަރާތްތަކަކީ ޒުވާނުންކަން ފާހަގަކޮށް، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އާ ޒުވާނުންގެ ޖީލު ސިޔާސަތު ވަނީ ޒުވާނުންގެ ޖީލު ކޮންމެ ޒުވާނަކީވެސް އިސްލާމީ ރިވެތި އަހުލާގާ އެކު، މަތީ ތައުލީމާއި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކަށްވާނެ ކަމަށެވެ. ޒުވާނުންގެ އިލްމާއި ހުނަރާއި ފަންނުވެރިކަމުން އާމްދަނީ ހޯދޭނެ މަގުފަހިވެ، އުފެއްދުންތެރި ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމަށް ޒުވާނުންނަށް ބާރުއެޅޭނެ ކަމަށެވެ.
ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ދިރިއުޅުމަކަށްޓަކައި ތިމާގެ ވަށައިގެންވާ މާހައުލުގެ ދިރުމަށާއި އަމިއްލަ ނަފްސުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ކަށަވަރުކުރާނެ މަގުގައި ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާ އެކު، ޒުވާނުން ތަމްސީލުވާ މުޖުތަމައުއެއްގައި ބިނާކުރަނިވި ދައުރެއް އަދާކުރާ މީހަކަށް ކޮންމެ ޒުވާނަކުވެސް އެ ސިޔާސަތުގެ ދަށުން ވާނެއެވެ.
އެމްޕަވާޑް ޒުވާނުން:
'އެމްޕަވާޑް ޒުވާނުން' ގެ ދަށުން ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހެދުމާއި ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފެއްދުމެވެ. އެމްޕަވާޑް ޒުވާނުންގެ ދަށުން މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތު ދޭނެއެވެ.
ޒުވާނުންގެ ބޯހިޔާވަހިކަން:
ޒުވާނުންގެ ބޯހިޔާވަހިކަމުގެ ދަށުން ބޮޑެތި އެޑްވާންސްތަކާއި ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/އަމިއްލަކުރެވޭނެ މަގުފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަސްޓް ޓައިމް ހޯމް އޯނަސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓްރެސްޓް ހަ އިންސައްތައަށްވުރެ ގިނަ ނުވާނެހެން، 10 އިންސައްތަ އިކުއިޓީގައި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ޒުވާނުންގެ ބޯހިޔާވަހިކަމުގެ ދަށުން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގް:
ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގްގެ ދަށުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމެރީ ހެލްތުކެއަ މޮޑެލްއިން ޕްރިވެންޝަންއަށް ހާއްސަ މަސައްކަތްކުރުމާއި މެންޓަލް ހެލްތަށް ހާއްސަކޮށްގެން އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރުމާ އެކު، ފިޓްނަސް ދާއިރާ ރެގިއުލޭޓްކުރުން ހިމެނެއެވެ. އަދި ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާ އެކު، ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ސިޓީތަކުގައި ގާއިމުކުރާނެއެވެ. ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގްގެ ދަށުން ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ އެމަޖިންގް އީ-ސްޕޯޓްސް، މާޝަލް އާޓްސް، ކައިޓް ސާފިންގް، ރޭސިންގް، އާބަން ސްކޭޓިންގް، ޕާކޯ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރާނެއެވެ.
ރާއްޖެއަކީ މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި އިތުރު ހަރުފަތްތަކަށް ގެންދިއުމަށް ކަނޑައަޅާފައިވާއިރު، ކުޅިވަރުގެ ތެރެއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ކުޅިވަރުގެ ތަމްރީނު ފުރުސަތު ހޯދައިދީ، ކުޅިވަރުން ކާމިޔާބީ ކަށަވަރުކޮށްދޭނެއެވެ. އަދި ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް، ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފުކުރާނެ ކަމަށާއި ތިލަފުށްޓާއި އެހެނިހެން ސަރަހައްދުތަކުގައި ރޭސިންގް ޓްރެކްތައް ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގް ދަށުން ގާއިމުކުރާނެއެވެ.
ޒުވާނުންނާއި ޓެކްނޮލޮޖީ:
ޒުވާނުންނާއި ޓެކްނޮލޮޖީގެ ދަށުން އިލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ހާއްސަ ލެންޑިންގް ސްކީމެއް ޒުވާނުންނަށް ތައާރަފުކޮށް، ޔޫތު ޓެކް ހަބްސް ގާއިމުކޮށް ޓެކްނޮލޮޖީގެ ތެރެއިން ކޯޑިންގް، ތްރީ-ޑީ މޮޑެލިންގް، ޕްރޮގްރާމިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީއިން ޒުވާނުންނަށް ކުރިއަށްދާނެ މަގުފަހިކޮށްދޭނެއެވެ. އަދި ރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރުމާއި ރާއްޖޭގެ އިންސްޓަންޓް ޕޭމެންޓް ގޭޓްވޭ އާއި ބޭރުގެ ޕޭމަންޓް ސިސްޓަމްތަކާ އެކު،ޑިޖިޓަލް ވިޔަފާރި ކުރެވޭނެ މަގުފަހިކުރުމަށް އަދި ޑިޖިޓަލް ދާއިރާއަކީ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ސްކިލްޑް ޒުވާނުން:
ސްކިލްޑް ޒުވާނުންގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހިއުމަން ރިސޯސް ޕްލޭން ހަދާ، އެ ޕްލޭން އާ އެއްގޮތަށް ޒުވާނުން ބޭނުންވާ ދާއިރާތަކަށް ފުރުސަތު ހޯދައިދިނުމާއި އިސްލާމިކް ސެންޓަ އޮފް އެކްސެލެންސް މެދުވެރިކޮށް ޒުވާން ސްކޮލާސް އުފައްދާ، ދީނީ އިލްމީ ދިރާސާތައް ކުރުމަށް އިންސެންޓިވައިޒް ކޮށްދިނުމާއި ސަރަހައްދީ ދަނާލު ގާއިމުކޮށް، އެ ސަރަހައްދުތަކަށް ކިޔެވުމަށް އަންނަ ފަރާތްތަކަށް ދަނާލުގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސާނެއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިގްރީ އާ ހަމައަށް ކިޔެވޭނެ ފުރުސަތު ހޯދައިދޭނެއެވެ. އޭގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު ރިވިއުކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރުމާ އެކު، ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް މަދުވެގެން އެއް އަހަރު ދުވަސް ދޭނެއެވެ.
ސްކިލްޑް ޒުވާނުންގެ ދަށުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮގްރާމް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދީ، ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާއަށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިންގް) ފުޅާކޮށް، އަޕްސްކިލިންގް/ރީ-ސްކިލިންގް ފުރުސަތުތަކާ އެކު 'ސެޓިފައިޑް ޕްރޮފެޝަނަލްސް' ތައާރަފު ކުރާނެއެވެ.
ޒުވާން އެންޓަޕްރިނިއަ:
ޒުވާން އެންޓަޕްރިނިއަގެ ދަށުން ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކުރާނެ ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އެންޓަޕްރިނިއަޝިޕް އިންކިއުބޭޓަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެއެވެ. ޒުވާނުންނަށް ހާއްސަ ސްޓަޓަޕް ލޯނު، އިކިއުޓީ ފައިނޭންސިންގް އަދި މައިކްރޮފައިނޭންސިންގް ލޯނު ތައާރަފުކުރުމާއި ޖޮބް ސެންޓަރު ފުޅާކޮށް، ޒުވާނުންނަށް ހާއްސަކޮށް ކެރިއަ ގައިޑެންސް ސެޝަންތަކާއި ޖޮބް ފެއާތައް ބާއްވައި ޒުވާނުން އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތަކަށް އަހުލުވެރިކުރުވާނެއެވެ. އޭގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތައާރަފުކުރުމާއި ދިވެހި އިގުތިސޯދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް އާ ބެހޭ ގާނޫނެއް އެކުލަވާލާ ތަންފީޒުކުރާނެއެވެ.
ޒުވާން އެންޓަޕްރިނިއަގެ ދަށުން އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކޮށް، ފަންނުވެރިކަމަށް ހާއްސަ ލޯނު ސްކީމް ފުޅާކުރުމާއި ތަފާތު ފަންނުތަކުގެ ފަންނުވެރިންނަށް އަސާސީ ސާމާނާ އެކު، ޕްރެކްޓިސް އަދި ވޯކިންގް ސްޕޭސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެއެވެ.
ޒުވާނުންގެ ބޭނުންތެރި ހުސްވަގުތު:
ޒުވާނުންގެ ބޭނުންތެރި ހުސްވަގުތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓިޕާޕަސްކޮށް ބޭނުންކުރެވޭ އޮޑިޓޯރިއަމްތަކާއި އެންޓަޓައިންމަންޓަށް ހާއްސަ ކޮމްޕްލެކްސްތައް ގާއިމުކުރާނެއެވެ. އަދި ހަގީގީ ކޮމިއުނިޓީ އެމްޕަވަމަންޓް ސެންޓަރެއްގެ ގޮތުގައި އިޖުތިމާއީ މަރުކަޒުތަކުގެ ތެރެއިން އިޖުތިމާއީ އެކި ކަންކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ އާދަ އަށަގެންނެވުމަށާއި ސަޕޯޓް ގްރޫޕް ހަރަކާތްތައް ބޭއްވުމާއި އާ ހުނަރުތައް ދަސްކޮށްދިނުމަށާއި އިޖުތިމާއީ އެކި އެކި ދުވަސްތައް ފާހަގަކުރުމަށާއި ތިންކް ޓޭންކްތައް ގާއިމުކޮށް، އިޖުތިމާއީ މައްސަލަތައް ދިރާސާކޮށް ހައްލު މަޝްވަރާކޮށް، ހުސްވަގުތު ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ފަހިވާގޮތަށް، ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަށް ރައްކާތެރި ބަދަހި މާހައުލެއްގައި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ކޮމިއުނިޓީ ސެންޓަރުތައް ހިންގާނެއެވެ.
އެއްވެސް ޒުވާނަކު ބާކީ ނުކުރުން:
އެއްވެސް ޒުވާނަކު ބާކީ ނުކުރުމުގެ ދަށުން ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއްވެސް އެ ފަރާތެއް އެކުށަކަށް ޒިންމާ ނެގުމަށްފަހު، އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓް ޕްލޭނެއްގެ ދަށުން ފަރުވާދީ އިންޑިވިޖިއުލައިޒްޑް ރިހެބިލިޓޭޝަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޯސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއަ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ގާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށް ހަދާނެއެވެ.