ބޯހިޔާވަހިކަމަކީ އިންސާނީ ހައްގަކަށްވާއިރު، ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ބޯހިިޔާވަހިކަމެވެ.
އެމްޑީޕީގެ ކެނޑިޑެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު:
ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތައް ކިޔަނީ "ހަމަނޭވާލެވޭ ބޯހިޔާވަހިކަން" އެވެ.
އެ ސިޔާސަތުގެ ދަށުން ފާހަގަކޮށްފައިވާ މުހިންމު ވައުދުތައް ތިރީގައި މިވަނީއެވެ.
- ގެދޮރުވެރިކުރުވުމާއި ބިންވެރިކުރުމުގެ ސިޔާސަތު މުޅި ރާއްޖެއަށް ފުޅާކުރުމަށް ބިން ދަތި ރަށްރަށުގައި ބިން އިތުރުކުރެވޭނެ.
- ބިން ދަތި ރަށްރަށުގައި ހައުސިން ޔުނިޓްތައް ގާއިމުކުރާނެ.
- ފުދުންތެރިކަން ކުޑަ ފަރާތްތަކަށް އިސްކަންދީގެން ކައުންސިލް ހައުސިން ތައާރަފްކުރާނެ.
- ހައުސިން ފައިނޭންސް ފޯރުކޮށްދިނުމަށް ހާއްސަ ބޭންކެއް ގާއިމުކޮށް، ދިރިއުޅުމުގެ ބޭނުމަށް ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ހޯދުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 އިންސައްތައަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައި ފޯރުކޮށްދޭނެ.
- ގެދޮރުވެރިޔާ ލޯނުގެ އުސޫލު މުރާޖައާކޮށް ލޯނު ދޫކުރެވޭ އަދަދު 1 މިލިއަން ރުފިޔާއަށް އިތުރުކޮށް، ލުއިފަސޭހަ ނިޒާމަކުން ލޯނު ލިބޭނެމަގު ތަނަވަސްކުރާނެ.
- އަތޮޅުތެރޭގައި ހުހަށް ހުންނަ ގޯތިގެދޮރު، އެ ތަންތަނުގެ ވެރިފަރާތުން ބޭނުންވާނަމަ، އެ ތަންތަނުން ނަފާ ލިބޭނެ ގޮތް ފަހިކުރާނެ.
- ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކޮށް، ކަނޑައެޅޭ މިންގަނޑަށް ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާ ފަރާތްތައް ސަރުކާރުން ސެޓިފައިކޮށް، ބޯހިޔާވަހިކަން ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެ.
މީގެ އިތުރުން ވެސް ރައީސް ސާލިހުގެ ސަރުކާރުގެ ބިން ވެރިޔާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޕްރިގްރާމުގެ ދަށުން ސިންގަލް އެޕްލިކަންޓުގެ ގޮތުގައާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭހެން ފޯމް ހުށަހެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމްގެއެވެ. އެއީ 19،858 މީހުން ނެވެ.
އެމީހުންނަށް ގޯތިދިނުމަށް ގުރުއަތުލުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި މިހާރު ދަނީ ކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓްގައިވާ ގޮތުން 13،763 ފަރާތަކަށް ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ ދެ ކޮޓަރީގެ ފްލެޓް ލިބޭ 3،903 މީހުންނާއި ތިން ކޮޓަރީގެ ފްލެޓް ލިބޭ 9،860 މީހުންނެވެ.
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ބޯހިޔާވަހިކަމާގުޅޭގޮތުން ހާއްސަ މެނިފެސްޓޯއެއް ޑރ. މުއިއްޒު މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
މިހެންކަމުން ބޯހިޔާވަހިކަމާ ގުޅޭގޮތުން ޑރ. މުއިއްޒު ދައްކަވާފައިވާ ވާހަކަތަކަށް ބަލާލާނަމެވެ.
- ވެރިކަން ލިބިވަޑައިގެންފި ނަމަ، 5 އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަމެއް ނުލިބޭ ރައްޔިތަކު ނުހުންނާނެކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
- ރާއްޖޭގައި ހުރި މައްސަލަތަކުގެ އެންމެ ބޮޑު އަސްލުކަމަށް އެބޭފުޅާ ގަބޫލުކުރައްވަނީ ގެދޮރުވެރިކަމުގެ މައްސަލަކަމަށް ވަނީ ވިދާޅުވެފައެވެ.
- "ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއު" ގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށް ގޯއްޗެއް ނުވަތަ ފްލެޓް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ. އެ ޕްރޮޖެކްޓް އިއުލާނު ކުރެއްވީ އެކަމަށް ބޭނުންވާ ޕްލޭން ފައިނަލް ކުރެއްވުމަށްފަހު ކަމަށްވެސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
- ފުށިދިއްގަރުފަޅާއި ގުޅިފަޅު ހިއްކައިގެން ގޯއްޗާއި ފުލެޓު ދެވޭނެ އަދަދާއި އެތަނުގައި ހުންނާނެ ބޮޑުމިނުގެ ތަފުސީލުތައް ފަހުގެ ތާރީހެއްގައި ކުރެހުންތަކާއެކު، ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
- މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭގެ މީހުންނަށް މި ސަރުކާރުން ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓްތައް އޭނާގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށާއި މުޅި ޕްލޭން ރާވާފައިވަނީ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އެކީގައި ހައްލުކުރުން ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް:
ސިފައިންނާ ފުލުހުން އަދި ފަނޑިޔާރުންނަށް ދައުލަތުގެ ޚަރަދުގައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވަނީ ވައުދުވެވަޑައިގެންފައެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ ބޭފުޅަކު ވެސް އެމީހަކަށް އެކަށީގެންވާ މި ޒަމާނުގެ މި ތައްޔާރުކުރެވޭ އެކޮމަޑޭޝަނެއް އަޅުގަނޑުމެން ފޯރު ކޮށްދޭނަން އެ ބޭފުޅުން ހިދުމަތުގައި ތިއްބެވިހާ ދުވަހަކު. ކޮންމެ ތަނެއްގައި ވިޔަސް," ގާސިމް
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގައިވާ ބައެއް ކަންކަން:
- ރިޔީާސ ދައުރުގައި 30,000 ހައުސިން ޔުނިޓް އަޅައ،ި ބޯހިޔާވަހިކަން ބޭނުންވެ ނުލިބި ތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ގްރޭޓަރާ މާލެ ސަރަޙައްދުގައި 15,000 ހައުސިންގ ޔުނިޓް އަޅައި ނިންމާ ހަވާލު ކުރުން
- އަތޮޅުތެރޭގައި 15,000 ހައުސިންގ ޔުނިޓް އެޅުން
- އަަލަތު ކައިވެންޏަށްފަހު ދިރިއުޅެން ފަށާ ޒުވާނުނަށާއ،ި ކުރިން ބޯހިޔާވެހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް، 18,000 ހައުސިންގ ޔުނިޓް "ފުރަތަމަ ގެދޮރު"ގެ ގޮތުގައި ދޫކުރުން
އަގު ކޮންޓްރޯލް ކުރެވިފައިވާ 6000 ހައުސިން ޔުނިޓް "އުޖާާލާ ގެދޮރު"ގެ ގޮތުގައި ވިއްކުން
ވިޔަފާރި އުސޫލުން 6000 ހައުސިން ޔުނިޓް "ނަލަ ގެދޮރު"ގެ ގޮތުގައި ވިއްކުން
ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބް:
މާލެ ދޫކޮށް އެހެން ރަށަކަށް ހިޖުރަ ކުރާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއެކު އެލަވަންސެއް ދިނުމަށް ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
“ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް” ނަމުގައި ލޯންޗުކުރި މި ޑިމޮކްރެޓްގެ މެނިފެސްޓޯ ވަނީ މައިގަނޑު ފަސް ބަޔަކަށް ބަހާލާފައެވެ. އޭގެތެރެއިން އެއް ބަޔަކީ "ބޯހިޔާވަހިކަމުގެ ކަށަވަރުކަން، މަސްތުވާތަކެތީގެ ފަރުވާ، ތައުލީމާއި ސިއްހަތުގެ ބަދަލު" އެވެ.
މި މެނިފެސްޓޯގައި ހިމެނޭ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ސިޔާސަތުގެ ބައިގެ ތަފްސީލުގައި ވަނީ ގޭބިސީ އާމްދަނީގެ 33 ޕަސެންޓަށް ވުރެ ބޮޑު އަގެއް ބޯހިޔާވަހި ކަމަށް ހަރަދު ކުރާ ގޭބީސީތަކަށް ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ހައުސިން ސަބްސިޑީ ފޯރުކޮށްދިނުމަށް ހިމަނާފައެވެ.
ޑިމޮކްރެޓްގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯގައިވާ ބައެއް ކަންކަން:
- މާލެއިން ބޭރަށް ހިޖުރަކުރަން ބާރުއެޅުމުގެ ގޮތުން އެހެން ސަރަހައްދުތަކަށް ހިޖުރަކުރާ ފަރާތްތަކަށް ސެޓެލްމަންޓް އެލަވަންސް އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ބޯހިޔާވަހި ކަމެއް އިމާރާތް ކުރުމަށް ނުވަތަ ގަތުމަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވަޒަންވެރިވެ ދިރިއުޅޭ ރަށެއްގެ ސަބަބުން އެއްވެސް ތަފާތު ކުރުމެއް ނެތި އެއްހަމައަކުން ލުއި ފަސޭހަކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ސިސްޓަމެއް ގާއިމުކުރުން
- ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކިވަކި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހުއްޓުވައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ކައުންސިލްތައް މެދުވެރިވެގެން ލާމަރުކަޒީ އުސޫލުން ހިންގޭ ޕްރޮޖެކްޓްތަކަށް ބަދަލު ކުރުން
- އާބާދުވެފައިވާ ކޮންމެރަށެއްގައ،ި ކައުންސިލް މެދުވެރިކޮށް އިޖްތިމާއީ ކައުންސިލް ހައުސިން ބޯހިޔާވަހިކަން ގާއިމުކޮށ،ް ފުދުންތެރިކަމާއި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު ކަމެއް ކުރެވެން ނެތް އާއިލާތަކަށް ވަގުތީ އަބުރުވެރި ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ތައުލީމާއި ތަމްރީން އަދި އިގްތިސާދީ "އަމިއްލަ ވިޔަފާރި" ޕްރޮގްރާމްތަކުގެ ތެރެއިން މި އާއިލާ ތަކުގެ ފުދުންތެރިކަން ކުރިއެރުވުން.
- އާއިލާގެ ހާލަތަށް އަންނަ ބަދަލު ކައުންސި ލުން ގާތުން ބަލަމުންދިއުމ،ާ ފުދުންތެރިކަން ހުރި މިންވަރުނ،ް އަމިއްލަކުރެވޭނެ ބޯހިޔާވަހިކަމަކަށް ބަދަލުކޮށްދިނުން.
- ބޯހިޔާވަހިކަމެއް އިމާރާތްކުރުމަށް ނުވަތަ ގަތުމަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވަޒަންވެރިވެ ދިރިއުޅޭ ރަށެއްގެ ސަބަބުން އެއްވެސް ތަފާތުކުރުމެއްނެތި އެއްހަމައަކުން ލުއި ފަސޭހަކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ސިސްޓަމެއް ގާއިމުކުރުން.
- ގޭބިސީ އާމްދަނީގެ 33 ޕަސަންޓަށް ވުރެ ބޮޑު އަގެއް ބޯހިޔާވަހިކަމަށް ހަރަދުކުރާ ގޭބީސީ ތަކަށް ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ހައުސިން ސަބްސިޑީ ފޯރުކޮށްދިނުން
- ސަރަހައްދީ ޑިވެލޮޕްމަންޓް ބޭންކުތަކުނ،ް ލާމަރުކަޒުކޮށް ހިންގޭ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތަކަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިނޭންސިން ހަމަޖައްސައިދިނުން.
- މައި ސަރުކާރުން ކޮންސްޓްރަކްޝަން މަސައްކަތްކުރުން ހުއްޓާލުން
އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓު އުމަރު ނަސީރު:
ބޯހިޔާވަހިކަމާ ގުޅޭ ހާއްސަ މެނިފެސްޓޯއެއް އުމަރު ނަސީރު ނުނެރުއްވައެވެ.
ނަމަވެސް އުމަރު ނަސީރު ވަނީ އެނާގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
ދިވެހި ސިފައިންގެ އަސްކަރީ މަރުކަޒެއް ކަމަށްވާ އުތުރު ތިލަފަޅު ހިއްކާ އެތަނުން ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނެ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓު ފާރިސް މައުމޫން:
ފާރިސްް މައުމޫނުވެސް ބޯހިޔާވަހިކަމާ ގުޅޭ މެނިފެސްޓޯއެއް އާންމެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވެފައިވަނީ މާސްޓާރ ޕްލޭންއެއް އޮތުން މުހިންމު ކަމަށެެވެ.
- ފާރިސް ވިދާޅުވެފައިވަނީ ފެންނަން އޮތް މަންޒަރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ވަރަށް ހަރަދު ބޮޑު އަދި އެކަންކަން ތަންފީޒު ކުރަން ދުވަސް ނަގާ ގޮތަށް ކުރިއަށްގެންދާ މަޝްރޫޢުތަކެއް ކަމަށެވެ.
- ފާރިސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރާނެ ޕްލޭނެއްވެސް އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
- ބޯހިޔާވަހިކަމަކީ ދުރުވިސްނުމެއްގައި ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ގޮތްތަކެއް ނިންމައިފިނަމަ ރައްޔިތުންނަށް ޙައްލު ހޯދައިދެވޭނެ މައްސަލައެއްކަމަށްވެސް ފާރިސް ވިދާޅުވެފައިވެއެވެ.
އެމްއެންޕީގެ ކެންޑިޑޭޓު ކާނަލް މުހައްމަދު ނާޒިމް:
އެމްއެންޕީގެ ރިޔާސީ މައިގަނޑު 10 ވައުދުގެ ތެރެގައި ބޯހިޔާވަހިކަމެއް ނުހިމެނެއެވެ.
ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައިވެސް ބޯހިޔާވަހިކަމާ ގުޅޭގޮތުން ނާޒިމް މުހިންމު ވާހަކަތަކެއް ދައްކަވާފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުވިދާޅުވެފައިވެއެވެ.
އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެނޑިޑޭޓު ހަސަން ޒަމީލް:
ހަސަން ޒަމީލްވެސް ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތު އާންމުކުރައްވައި މެނިފެސްޓޯ ނެރުއްވާފައެއް ނުވެއެވެ. އަދި ފާއިތުވާ އެއް މަސް ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ހެޑްލައިން ނުއުފައްދަވައެވެ.