ads
ސްވިމިން އިވެންޓެއްގެ ތެރެއިން
ސްވިމިން ޓީމު އައިއޯއައިޖީއަށް ދާނީ އިތުބާރާއެކު
މަޑަގަސްކަރާގައި މި މަހު ފެށޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ސްވިމިން ޓީމު ފައިނަލް ކޮށްފައިވާ އިރު، ގޭމްސްއަށް ތައްޔާރުވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވި، ކުރިއެރުންތަކެއް ސްވިމިން ޓީމުން ވަނީ ހޯދާފައެވެ.

މި މަހު 25 އިން އަންނަ މަހު ތިން ވަނަ ދުވަހަށް މަޑަގަސްކަރައިގައި ކުރިއަށްދާ އައިއޯއައިޖީ އަށް ދާ ފެތުންތެރިންގެ ސްކޮޑުގައި ހިމެނެނީ ހަ އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ.

ފިރިހެން ފެތުންތެރިންނަކީ މުހައްމަދު ރިހާން ޝިހާމް، އަލީ އިމްއާން، އަހުމަދު ނީޤް ނިޔާޒް، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ޖޫދު ފަޔާޒެވެ. އަންހެން ފެތުންތެރިންނަކީ މިރާލް އައިން ލަތީފް، ހަމްނާ އަހުމަދު، އީން އައްބާސް ޝަރީފް، ހަނާން ހުސެއިން ހަލީމް، ޒައިނަބް އަބްދުﷲ ޝަފީގު އަދި އައިޝަތު ސައުސަން އެވެ.

ޓީމު މުބާރާތަށް ދަނީ މިދިޔަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދައިގެންނެވެ. ހާއްސަކޮށް މި އަހަރު ވެސް ރާއްޖޭގެ ގައުމީ ސްވިމިން ސްކޮޑުގައި ހިމެނޭ އެތުލީޓުން ވަނީ ރަނގަޅު މުބާރާތްތަކެއްގައި ވާދަކޮށް، ގައުމީ ރެކޯޑުތަކެއް ވެސް ހަދާފަ އެވެ. ގިނަ އެތުލީޓުން ޕާސަނަލް ކޯޗުންނާ އެކު ތަމްރީނުކުރަމުންދާ އިރު، ޓީމުން އެންމެ ބޮޑަށް އުންމީދުކުރަނީ އަނެއްކާވެސް ގައުމީ ރެކޯޑުތަކެއް އާކޮށް، އައިއޯއައިޖީގައިވެސް ފެންވަރު ސާބިތު ކޮށްދިނުމަށެވެ.

މިއަހަރު ތެރޭގައި ރާއްޖޭގެ ފެތުންތެރިން މިހާތަނަށް ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކޮށް ރަނގަޅު ރެކޯޑުތަކެއް ހަދާފައިވާ އިރު، އޭގެ ކުރިން މިދިޔަ އަހަރު ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ފެތުންތެރިން ވަނީ 10 ރެކޯޑެއް ހަދާފައެވެ. އޭގެ އިތުރުންވެސް މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައިވެސް ފެތުންތެރިން ވަނީ ގައުމީ ރެކޯޑުތައް އާކޮށްފައެވެ.

ސީދާ ގޭމްސް އަށް ތައްޔާރުވުމަށް އެސޯސިއޭޝަނުން ވަނީ އިންޓަނޭޝަނަލް ފެޑެރޭޝަންގެ ކޮންސަލްޓަންޓެއްގެ އެހީ ހޯދައިފަ އެވެ. މުޅި އަހަރު ތެރޭގެ އެކި ދުވަސްވަރު ރާއްޖެ އައިސް މަސައްކަތްކުރި ކޮންސަލްޓަންޓް މިގޭލް އަކީ ޗައިނާގެ ޓްރެއިނިން ސެންޓަރެއްގައި މިހާރު ވެސް މަސައްކަތްކުރާ ހެޑް ކޯޗެކެވެ.

ގޭމްސްގެ ކުރިން އޭނާ ރާއްޖޭގެ ފެތުންތެރިންނާ އެކު އެންމެ ފަހުން ހޭދަކުރި 10 ދުވަހަށް ފަހު ރާއްޖެއިން ފުރީ ބުރާސްފަތި ދުވަހުގެ ރެއެވެ. ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި އޭނާ ވަނީ ކޮނންމެ ތިން މަހަކުން ރާއްޖެ އައިސް ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން މަސައްކަތް ކޮށްފައެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ފެތުންތެރިޔާ މެރާލް ވެސް ބުނީ އައިއޯއައިޖީއަށް ވަރަށް ބުރަކޮށް، ދެއިރު ތަމްރީނުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އެންމެބޮޑަށް ފޯކަސް ހުރީ ޓެކްނީކް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ގައުމީ އަންހެން ފެތުމުގެ ސްކޮޑުގައި ހިމެނޭ ހަމްނާ ބުނީ އައިއޯއައިޖީގެ ކުރިން ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްލަން ލިބުމަކީ ރަނގަޅު ފުރުސަތެއް ކަމަށާއި، މިހާރު ފޯކަސް އޮތީ އައިއޯއައިޖީއަށް ކަމަށެވެ. ފިރިހެން ޓީމުގައި ހިމެނޭ އިމްއާން ބުނީ އައިއޯއައިޖީއަށް ކުރަމުންދާ ފަރިތަކުރުންތައް ރަނގަޅު ކަމަށާއި، އާ ރެކޯޑުތަކަކަށް ފޯކަސް ބޮޑުވާނެ ކަމަށެވެ.

"އައިއޯއައިޖީ އަށް ކުރާ ޕްރެކްޓިސްތައް ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. މިހާރު މިހާތަނަށް އައިއިރު، އިވެންޓްތައް ބަހާ ނިންމާފައި، ރިލޭއަށްވެސް ޓީމުތައް ނިންމާފައި އޮތީ. އެހެންވީމަ އެ ކުއްޖަކު ވާދަކުރާ އިވެންޓްއަކުން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ކުދިންގެވެސް އުންމީދަކީ ރަނގަޅު ރެކޯޑުތަކެއް ބްރޭކްކޮށް ރަނގަޅަށް ޕާފޯމް ކުރުން. ފަރިތަކުންތައް މިއަހަރު ފެށުނީއްސުރެވެސް ވަރަށް ބޮޑަށް އައިއޯއައިޖީއަށް ވަރަށް ބޮޑަށް، ވީކްލީ، އަދި މަންތްލީވެސް ބަލައިގެން ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ،"

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ ރަޝިޔާގެ ދެ ކޯޗުން އައިސް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށް، ކުރިއެރުންތަކެއް ހޯދައިދިން ކަމަށެވެ. އެގޮތުން ރަޝިޔާ އިން އައި ދެ ކޯޗުންގެ ތެރެއިން އެއް ކޯޗު މަސައްކަތްކުރީ ސީދާ ގޭމްސް އަށްދާ ފެތުންތެރިންނާއެކު، އެ ފެތުންތެރިން ތަމްރީނުކުރުމުގަ އެވެ. އަދި އަނެއް ކޯޗު ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި ވަރަށްބޮޑަށް ބައިވެރިވިކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގެ ފެތުންތެރިންގެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އެންމެފަހުން 2019 ވަނަ އަހަރު ގޭމްސްގައި މެޑަލް ހޯދި އެހެން ގައުމުތަކުގެ އެތްލީޓުންގެ ހުނަރު ވަރަށް ބޮޑަށް ބަލާ ދިރާސާކޮށްގެންނެވެ.

"އެންމެކައިރިން ވާދަކުރެވޭނެ އިވެންޓްތަކަށް ބޮޑަށް ފޯކަސްކޮށްގެން ތަމްރީނުތައް ކުރިއަށް ގެންދިޔައީ. މައިގަނޑު ހުރިހާ އިވެންޓެއްގައިވެސް ރާއްޖޭގެ ހުރިހާ ފެތުންތެރިންވެސް ވާދަކުރާނެ." އިސްމާއީލް އަލީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް