
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން
- މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،165،337 ފަތުރުވެރިން ވަނީ އައިސްފައިވޭ
- މި އަހަރަށް ސަރުކާރުން ކަނޑައަޅާފައި 1.8 މިލިއަނުގެ އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ 634،663 ފަތުރުވެރިން
ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،111 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އެހެންކަމުން އަހަރުގެ ބާކީ އޮތް ހަތަރު މަހާއި ބައިގެ ތެރޭގައި 1.9-2 މިލިއަނާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން އަންނާނެކަމަށް ބެލެވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
- މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1،165،337 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
- މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 13.8 އިންސައްތައިގެ އިތުރުވުމެއް
- މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 1،023،729 ފަތުރުވެރިން
ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 90،101 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 17.1 އިންސައްތައިގެ އިތުރުވުމެކެވެ. އަހަރުގެ މިހާތަނަށް އައި ފަތުރުވެރިން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
- ރަޝިއާ - 138،091 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.8 އިންސައްތަ)
- އިންޑިއާ - 129،155 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތަ)
- ޗައިނާ - 109،585 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.4 އިންސައްތަ)
- އިނގިރޭސިވިލާތް - 96،527 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.3 އިންސައްތަ)
- ޖަރުމަނުވިލާތް - 76،917 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 6.6 އިންސައްތަ)
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސްޕެއިނުންނެވެެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،260 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 173 ރިސޯޓާއި 13 ހޮޓަލާއި 912 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 61،782 އެނދު އޮޕަރޭޓްކުރެއެވެ.