ads
އައިއޯއައިޖީއަށްދާ ޓެނިސް ޓީމުގެ މެންބަރެއް
އުއްމީދާއެކު ޓެނިސް ޓީމު އަލުން އައިއޯއައިޖީއަށް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ވާދަކުރާއިރު، މި ގޭމްސް އަކީ އެކި ގޮތްގޮތުން ބަލާއިރު، ވަރަށް ފަހި ފުރުސަތުތަކެއް ޓެނިހަށް އޮތް ގޭމްސް އެކެވެ. 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އައިއޯއައިޖީގައިވެސް ޓެނިސް ޓީމު ވަނީ ވާދަކޮށްފައެވެ. އެކަމަކު އޭގެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ޓެނިސް އިވެންޓް ހިމަނާފައެއް ނުވެއެވެ.
Advertisement

ގައުމީ ޓެނިސް ޓީމުން މި ފަހަކަށް އައިސް އަންނަނީ އެކި މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ޓެނިހުގައި ޒުވާން އައު ކުޅުންތެރިން މިހާރު އަންނަނީ ފިޔަޖަހަމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުން އަންނަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ. 

ސަރުކާރާއި އޮލިމްޕިކް ކޮމިޓީގެ އިތުރުން ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރަމުން އަންނަ އެކި މަސައްކަތުގައި ޓެނިހުން ލިބޭ ފުރުސަތުތައް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅިވަރު ވަސީލަތްތައް ގާއިމުވެފައިވާ ކުޅިވަރަކީ ޓެނިހެވެ. ސަރުކާރުންވެސް ޓެނިހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާއިރު، މާލޭގައި ހުންނަ ޓެނިސް ކޮމްޕްލެކްސް މިހާރު ވަނީ އޭޓީޕީ ސްޓެންޑާޑަށް ތަރައްގީކޮށްފައެވެ.

ޓެނިސް އެސޯސިއޭޝަނުން ދުރު ރާސްތާ ވިސްނުމެއްގެ ތެރެއިން ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރަން ރާއްޖޭގައި މިދިޔަ އަހަރު ވަނީ ބައިނަލް އަގުވާމީ ޓެނިސް މުބާރާތެއް ލޯންޗްކޮށްފަ އެވެ.

ގައުމީ ޓެނިސް ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، ފިރިހެން ސިންގަލްސް ޗެމްޕިއަން، އަބްދުﷲ ފާއިހް ފަޒީލް (ފާއީ) ބުނީ މީގެ ކުރިން ރާއްޖެ އަށް އައިއޯއައިޖީގައި ހަތަރު ވަނަ ލިބިފައިވުމުން މި ފަހަރު އަމާޒުހިފަން ޖެހޭނީ އެ އަށް ވުރެ ރަނގަޅަށް ނިންމާލުމަށް ކަމަށެވެ.

ކުރިން ސެމީ ފައިނަލްގައި ބަލިވެއްޖިއްޔާ ވެސް ބްރޮންޒް ލިބޭ. ދެން އެ ފަހަރު ރޫލް އިން ގޮތުން، ޖެހުނީ ބްރޮންޒް މެޗެއް ކުޅެން، ދެން ނާކާމިޔާބުވީ، އެހެންވީމަ މި ފަހަރު މި ބަލަނީ އެ އަށް ވުރެެ ކުރިއަށް ދާން. މެޑަލް ޓާގެޓެއްގައި މަސައްކަތް މި ކުރަނީ، ދެން ޖޫނިއާ ކުޅުންތެރިން ވެސް ގިނަ މި ފަހަރު، އެކަމު، މި ބަލަނީ އެ މީހުންގެ ހާޑް ވޯކާއި ޑެޑިކޭޝަންއާ އެކު، ރަނގަޅު ކާމިޔާބެއް އެޗީވްކުރަން،" ފާއީ ބުންޏެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސް އަހުމަދު ހަފީޒް، ވިދާޅުވާ ގޮތުގައި މިދިޔަ އަހަރު ފެށި މޯލްޑިވްސް ޓެނިސް ޗެލެންޖް، ކޮންމެ އަހަރަކު ވެސް ބާއްވައި، އަހަރުން އަަހަރަށް ވީހާ ވެސް ބޮޑު އިވެންޓެއްގެ ގޮތުގައި ބޭއްވުމަކީ ހާއްސަ އަމާޒެކެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ އެންމެ ބޮޑު ބޭނުމަކީ، މުސްތަގުބަލުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކަށް ދާއިރު، އެ ލިބެން ޖެހޭ ތަޖުރިބާތައް ވީ އެންމެ ފުރިހަަމަ އަކަށް ލިބިފައި ބޭއްވުމުގެ ގޮތުންނެވެ.

ރާއްޖެ ޓީމުގެ ކޯޗު އީވޯ ބުނީ ބައިނަލްއަގުވާމީ ކޮންމެ މުބާރާތަކީ ވެސް ޗެލެންޖެއް ކަމަށެވެ. އެ ގޮތުން، އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަށް ބަލާއިރު، އެ ތަންތަނުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ތިބޭނެ ކަމަށާއި ޖެހޭނީ މި ކުރެވޭ ޕްރެކްޓިސްތަކާއި މި ކުޅެމުން އަންނަ މުބާރާތްތަކުން ދަސްވާ ކަންކަން ވީ އެންމެ ރަނގަޅަށް ބޭނުންހިފަން ކަމަށް އީވޯ ވަނީ ބުނެފައެވެ.

އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން، ރީޔޫނިއަންގައި ފްރާންސަށް ނިސްބަތްވާ ރަނގަޅު ކުޅުންތެރިން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އީވޯ ވަނީ ބުނެފަ އެވެ. އެކަމަކު، މީގެ ވިސްނަން ޖެހޭނެ ކަމަކީ ކުރަން ޖެހޭ މަސައްކަތްތަކަށް ފަރުވާ ބަހައްޓައިގެން އަމިއްލަ ކަންކަން ރަނގަޅު ކުރުން ކަމަށް އީވޯ ބުންޏެވެ.

ރަނގަޅު ވާހަކައެއް، މި ގައުމުތަކުގައި ލެވަލްތަކުގެ ތަފާތު ހުންނާނެ، ދެން މުބާރާތް ކުޅެން މި ޖެހޭ މާހައުލު، މަޑަގަސްކަރާ އަކީ ރާއްޖޭގެ އެތުލީޓުން މި ކުޅޭ މޫސުމާ ތަފާތު މޫސުމެއް އޮތްތަނެއް، އެކަމަކު، އަހަރެން ބުނާނީ މި ހުރިހާ ކަންޑިޝަން އަކަށް ހޭނިގެނޭ ކުރިއަށްދެވޭނީ،" އީވޯ ބުންޏެވެ.

ހުރިހާ ވިސްނުމަކުން ބަލާއިރު، ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް މި ފަަހަރުގެ އައިއޯއައިޖީ އަކީ ކުރިއަށް ދިއުމަށް ބަލާއިރު، ރަނގަޅު ފުރުސަތެކެވެ. މިހާރު ހުރި ލެވަލް ވަޒަންކޮށްލައި، މުސްތަގުބަލަށް ފޯކަސް ކުރަން ޖެހޭ މުހިންމު ކަންކަން ދެނެގަނެވޭނެ ބޮޑު ފުރުސަތެއް ވެސް މެ އެވެ.

ސަރުކާރާ ގުޅިގެން ޓެނިސް އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް މި ފަހަކަށް އައިސް ކުރަމުން އަންނައިރު، ދާދި ފަހުން އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެނިހުގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު މާލޭގައި ބޭއްވި މޯލްޑިވްސް ޓެނިސް ޗެލެންޖުގައި ދިވެހި ޒުވާން ކުޅުންތެރިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް