ads
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓްގެ ގުރުނެގުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ގޯތީގެ ގުރުނެގުން ނިންމައިފި، ބުރާސްފަތި ދުވަހު ރަޖިސްޓްރީ ހަވާލުކުރަނީ
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ހުރިހާ މަސައްކަތްތަކެއް ހޯމަ ދުވަހުގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ. ގުރުނެގުމަށް ނާދެވުނު ފަރާތްތަކަށް އިތުރު ފުރުސަތެއް ދީފައިވާކަން ފާހަގަކުރައްވާ އާރިފް ވިދާޅުވެފައިވަނީ ގުރުނަގަން ނާދެވުނު ފަރާތްތަކާއި ބަދަލުގައި މީހަކު ނުފޮނުވާ ފަރާތްތަކުގެ ގުރުނެގުން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ތައްޔާރުވަމުން އަންނަނީ ގޯތި ލިބުނު ފަރާތްތަކަށް ބުރާސްފަތި ދުވަހު ގޯތީގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ގޯތި ލިބުނުކަމުގެ ލިޔުމެއް ދިނުމުގެ ބަދަލުގައި ގޯތީގެ ރަޖިސްޓްރީ ވެރިފަރާތާ ހަވާލުކުރަން ކަމުގައެވެ.

ޕްލޭނިން މިނިސްޓްރީން އަންނަނީ ހުޅުމާލޭން ބިން ލިބުނު ފަރާތްތަކުގެ ބިން ކަނޑާ އެ ފަރާތްތަކަށް ބިންތައް ބެލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނިމޭވަރުން، އެ ތަންތަނުގެ ބިންތައް ކަނޑާ ހަވާލުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މިނިސްޓްރީން ބުނީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ ގޯތީގެ ގުރުނެގުން ހަފުތާއަކަށް ކުރިއަށް ދިޔައިރު، ގުރުނެގުން ބާއްވާފައިވަނީ ގަލޮޅު ދަނޑުގައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުުށަހެޅި ފަރާތްތަކުގެ ތެރެއިން 19،639 ފަރާތަށް ގޯތި ލިބިފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން 1،351 ބިމާއި ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

82%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް